މަކުނުދޫ ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަނީ

ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ދެ މީހަކު މިއަދު މަރުވި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ހިނގައްޖެއެވެ.

މަކުނުދޫގެ މަސް މާރުކޭޓު ސަރަޙައްދުގައި އޮތް ސިލިންޑަރެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި ދެ މީހުން މަރުވެފައިވާ ކަމަށާއި އެއީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

އެއާއެކު މި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް މަކުނުދޫގައި މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވިއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ ހަވީރު 4:15 ކަންހާއިރު އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓް ސަރަހައްދުން ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށެވެ. އަދި ބަނދަރުގެ އެކި ހިސާބުތަކުގައި ކުދިކުދި ވެފައިވާ އިންސާނެއްގެ ބައިތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

https://sun.mv/183461

އޭނާ ބުނިގޮތުގައި ގޭސް ސިލިންޑަރެއްގެ ބައިތައް ވެސް ބުރައިގެން ގޮސް އެ ސަރަހައްދުން ފެނިފައިވެއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި މަކުނުދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުން ކަމަށެވެ.

comment ކޮމެންޓް