ސްޓާލިންކް ޚިދުމަތް ހޯދުމަށް އިޒްރޭލުން މަޝްވަރާކުރަނީ

60 އަށްވުރެ ގިނަގައުމުގައި މިހާރުވެސް ސްޓާލިންކްގެ ޚިދުމަތް ދޭ ---

އިޒްރޭލަށް ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ޚިދުމަތް ހޯދަން އެ ކުންފުންޏާ މަޝްވަރާ ކުރަމުންދާ ކަމަށް އިޒްރޭލުން ބުނެފިއެވެ.

މަހުޖަނު އެލޮން މަސްކްގެ ސްޓާލިންކް މުވާޞަލާތީ ޚިދުމަތުން ސެޓެލައިޓު މެދުވެރިކޮށް ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދެއެވެ.

ދުނިޔޭގެ 60އަށްވުރެ ގިނަ ގައުމުގައި މިހާރު ވެސް ސްޓާލިންކް ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު، އިޒްރޭލުގައި މި ޚިދުމަތް އަދި ތައާރަފުކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެގައުމު އޮތީ ހަނގުރާމައެއްގެ ތެރޭގައި ކަމަށް ސިފަކޮށް، ސްޓާލިންކް ސެޓެލައިޓް ކޮމިއުނިކޭޝަން ޓާމިނަލްތައް ތައާރަފު ކުރުމަށް ސްޕޭސް އެކްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ޓާމިނަލްތަކުގެ ސަބަބުން ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ކަމަށާއި، އޭގެ ފައިދާ، އިޒްރޭލުން ގާނޫނާ ޚިލާފަށް ހިފައި، ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ރަޝިޔާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންއަށް އަރައިގަތުމުން، މަސްކް ވަނީ ޔޫކްރެއިންގައި ސްޓާލިންކްގެ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

ސްޓާލިންކް ކަވަރޭޖް ރަޝިއާއަށް އިތުރުކޮށްދިނުމަށް ރަޝިއާ ސަރުކާރުގެ ފަރާތުން މީގެ ކުރިން މަސްކް ގާތު އެދުނު ނަމަވެސް، ހަމަނުޖެހުންތައް އިތުރުވުމުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ މަސްކް ވަނީ އެ ކަމަށް ދެކޮޅު ހަދާފައެވެ.

އިޒްރޭލަށް ސްޓާލިންކްގެ ޚިދުމަތް ދިނުމާ ބެހޭ ގޮތުން ސްޕޭސްއެކްސްއިން މިހާތަނަށް ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ.

ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އިޒްރޭލަށް ޚިދުމަތް ފޯރުކޮށްދީފިނަމަ މަސްކްއަށް ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް ބެލެވެއެވެ.

ސްޓާލިންކްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ވެސް މަސައްކަތް ކުރަމުންދާއިރު، މި އަހަރުގެ ފަހުކޮޅު އެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް އެކަމާ ގުޅުން ހުރި އޮތޯރިޓީން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް