އަމާޒަކީ އަންނަ އަހަރުގެ ސީޒަންނަށް ވީއައިއޭގެ މަސައްކަތް ނިންމުން: ޑރ. މުއިއްޒު

ހޮޓެލިއާ މޯލްޑިވްސްގެ އިން ބާއްވާ ފޯރަމްގެ ހަތްވަނަ އެޑިޝަންގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އިންތިޚާބީ ރައީސްގެ އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ނިންމަވާނެ މަސައްކަތްތަކުގެ ތެރެއިން އެއް ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް އަންނަ އަހަރުުގެ ފަތުރުވެރިކަމުގެ ސީޒަނަށް ނިންމައިދިނުން ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ މެނޭޖަރުންނާއެކު ހޮޓެލިއާ މޯލްޑިވްސްއިން ބަނޑޮހުގައި ބާއްވާ ފޯރަމްގެ ހަތް ވަނަ އެޑިޝަންގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ވީއައިއޭގެ މަސައްކަަތަށް ފައިނޭންސް ހޯދައި، އެ މަސައްކަތް އަވަސްކޮށް އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށެންވާއިރަށް ނިންމަވައިދެއްވާނެ ކަމަށެވެ.

"މި ސިނާއަތް ބިނާވާ ފަރާތްތަކާއި، މި ކަން ފާހަގަކޮށް ބަލައިގަންނަ ފަރާތްތަކުގެ ހިއްސާއާ ގުޅޭ ރާއްޖޭގެ އިގްތިޞާދީ އަދި އިޖްތިމާއީ ފައިދާއަށް އަޅުގަނޑުމެންގެ ދައުރުގެ ފުރަތަމަ ކޮޅުގައި ނިންމާނެ މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނުގައި ސީ ޕްލޭން ހަބެއް ގާއިމްކޮށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހޮޓެލިއާ މޯލްޑިވްސްގެ އިން ބާއްވާ ފޯރަމްގެ ހަތްވަނަ އެޑިޝަންގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަޑައިގަތުން -- ފޮޓޯ/ އިންތިޚާބީ ރައީސްގެ އޮފީސް

އެއީ ރާއްޖޭގައި ހިންގާ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އިތުރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މީގެ ބޭނުން ވަރަށް ސާފު. ފަތުރުވެރިކަން ހަލުވި މިނުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަތުރައިލުން. މި މުހިންމު ވިސްނުމާއެކު އަޅުގަނޑު މި އިިއުލާންކުރަނީ ކުރިއަށް އޮތް ފަސް އަހަރު މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރުމަށް ޓަކައި މަސައްކަތް ކުރާނެކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން މާކެޓުކޮށް ކުރިއެރުވުމަށް ޓަކައި ސަރުކާރުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީއާއި އެކި ގައުމުތަކުގައި ހުރި އެމްބަސީތަކުން ވެސް އެ ކަމުގައި ފުރިހަމަ އެއްބާރުލުން ދާއިރާގެ ފަރާތްތަކަށް ދެއްވާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވަނީ ގައުމީ އެއާލައިން އިތުރަށް ހަރުދަނާކުރުމަށް ކުރައްވަން ނިންމަވައިފައި ހުރި ބައެއް ކަންކަން ހާމަަކުރައްވައިފައެވެ.

ހޮޓެލިއާ މޯލްޑިވްސްގެ އިން ބާއްވާ ފޯރަމްގެ ހަތްވަނަ އެޑިޝަން -- ފޮޓޯ/ އިންތިޚާބީ ރައީސްގެ އޮފީސް

އެގޮތުން ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭ ގައުމީ އެއާލައިނަށް އައު މަތިންދާ ބޯޓުތަކެއް ގެނައުމަށް އިންވެސްޓްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ އެ ކަމުގެ ބޭނުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެެވެ. އޭގެ ތެރޭގައި ޗައިނާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަކީ އެއް ބޭނުންކަމަށް ވިދާޅުވިއެވެ.

އަދި މިއީ ގައުމީ އެއާލައިން މޯލްޑިވިއަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ފައިދާވާ ކުންފުނިތަކަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެ ކަމަށް ވިދާޅުވިއެވެ.

https://sun.mv/183202

ވީއައިއޭގެ މަސައްކަތް އަވަހަށް ނިންމަވައިދެއްްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއިރު މީގެ ދުވަސްކޮޅެއް ކުރިން ސައުދީ އަރަބިއާއާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ވަނީ 150 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމާމެދު މަޝްވަރާ ފަށައިފައެވެ.

އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރު ޚާއްސަކުރަނީ ވީއައިއޭގެ މަސައްކަތް ނިންމުމަށެވެ.

ސައުދީން އެހީވުމަށް ނިންމިއިރު، ނޮވެމްބަރު 17 ގައި އުފެދޭ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ތަރައްގީގެ ގޮތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން މީގެ ކުރިން ވަނީ ދީފައެވެ.

comment ކޮމެންޓް