ސައުދީން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދެނީ

ރައީސް ޞާލިހު މީގެ ކުރިން ސައުދިއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ސައުދީގެ ފޮރިން މިނިސްޓަރާއެކު --

ސައުދީ އަރަބިއާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދިނުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

"ސަން"އާ މައުލޫމާތު ހިއްސާކުރަމުން އެ މިނިސްޓްރީން ބުނީ މަޝްވަރާތައް ކުރެވެމުން އައި ނަމަވެސް އަދި ރަސްމީކޮށް އެކަމަށް ހުއްދަ ނުދޭކަމަށެވެ.

އެގޮތުން މިހާރު މަޝްވަރާ ކުރެވެމުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތަށް 100 މިލިއަން ޑޮލަރު ޚާއްސަކުރުމަށާއި ސިއްހީ ދާއިރާއަށް 50 މިލިއަން ޑޮލަރު ޚާއްސަ ކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އެހީއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިޔުމަށް އިތުރު 386 މިލިއަން ރުފިޔާގެ ލެޓާ އޮފް ކްރެޑިޓް (އެލްސީ) ފެސިލިޓީއެއް ބީއެމްއެލް މެދުވެރިކޮށް މިދިޔަ އަހަރުވަނީ ނަގައިފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އާ ޓާމިނަލުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ނިންމާ ގޮތަށެވެ. ނަމަވެސް ކޮވިޑާއި އެހެނިހެން ސަބަބުތަކާ ހުރެ އާ ޓާމިނަލުގެ މަސައްކަތް އަދިވެސް ނުނިމެއެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

ސައުދީން އެހީވުމަށް ނިންމިއިރު، ނޮވެމްބަރު 17 ގައި އުފެދޭ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ތަރައްގީގެ ގޮތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން މީގެ ކުރިން ވަނީ ދީފައެވެ.

އެ ޔަގީންކަން ދެއްވީ ސައުދީ އެމްބެސެޑަރު މަތުރެކް ބިން އަބްދުﷲ އަލްޢަޖާލީން އާއި ޑރ. މުއިއްޒާ ދެމެދު ކުރިއަށް ދިޔަ ބައްދަލުވުމެއްގައެވެ.

comment ކޮމެންޓް