ވޯލްޑް ކަޕް ކޮލިފައިންގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެއެވެ.
ބަންގުލަދޭޝްގައި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު 3-2ގެ އެގްރިގޭޓަކުން ބަންގުލަދޭޝް ކުރި ހޯދައި، ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ބުރުން ވަނީ ޖާގައެއް ހޯދައިފައެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ރާއްޖެއަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިގެން ދިޔަ އިރު، ރާއްޖެއަށް ދެން އޮތީ އޭއެފްސީ ކޮލިފައިނުން ޖާގައެއް ހޯދުމަށް ޕްލޭއޯފްގައި ވާދަކުރުމެވެ.
މިއަދު ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ބަންގުލަދޭޝުން ވަނީ ގޯލެއް ޖަހައި، ރާއްޖެ ޕްރެޝަރަށް ވައްޓާލައިފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިނެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ރާއްޖެއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި އެ ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު މިތުލް މަރުމާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އައިސަމް އިބްރާހީމެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ ބަންގުލަދޭޝުން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފައިސަލް އަހުމަދު ފަހީމެވެ. އެ ގޯލު ޖެހިތާ 13 މިނެޓު ފަހުން މުހައްމަދު ސޮހެލް ރަނާއަށް ދެއްކި ރަތް ކާޑާ ގުޅިގެން ބަންގުލަދޭޝުން މެޗު ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ކުޅުންތެރިޔަކު މަދުކޮށް ބަންގުލަދޭޝުން ވެސް ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ އިރު، ރާއްޖެއިން ވެސް ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. ރާއްޖެއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 71 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އައިސަމް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ބަންގުލަދޭޝްގެ ކީޕަރު މިތުލްއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރާއްޖެއަށް ވެސް ރަތް ކާޑެއް ދެއްކިއެވެ. ބަންގުލަދޭޝްގެ އެމްޑީ މޮޖިބޯރް ޖޯނީއަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާފައިވަނީ ރާއްޖޭގެ ޑިފެންޑަރު އަހުނަފް ރަޝީދަށެވެ.