ޓިއެލެމަންސްއަށް އަދިވެސް ގަލަތަސަރާއީގެ ޝައުގުވެރިކަން!

އެސްޓަން ވިލާގެ ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް -- ފޮޓޯ/ ގެޓީ

އެސްޓަން ވިލާގެ ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް ގެންދިއުމަށް ތުރުކީގެ ގަލަތަސަރާއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މިދިޔަ ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން ވިލާއަށް ސޮއިކުރުމާއެކު ވެސް ގަލަތަސަރާއީ އިން ދިޔައީ ޓިއެލެމެންސް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ވިލާއާ ގުޅުނު ނަމަވެސް، ޓިއެލެމެންސްއަށް ބޭނުންވާ ވަރަށް ޓީމުން ފުރުސަތު ލިބިފައެއް ނުވެއެވެ. އެގޮތުން މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ވިލާ މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގެ ފުރަތަމަ 11 އިން ޓިއެލެމެންސްއަށް ކޯޗު އުނައީ އެމެރީ ފުރުސަތު ދީފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 26 އަހަރުގެ ޓިއެލެމެންސް ގެންދިއުމަށް ގަލަތަސަރާއީ އިން ކުރާ މަސައްކަތް އަދިވެސް ހުއްޓާލާފައެއް ނުވެއެވެ. އެގޮތުން މިހާރު ގަލަތަސަރާއީ އިން މަސައްކަތްކުރަމުންދަނީ ކުރިއަށްއޮތް ޖެނުއަރީ ޓްރާންސްފާގައި ޓިއެލެމެންސް ގެންދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރުގެ ޔޫރޯއަށް ބެލްޖިއަމް ޓީމުން ޖާގަ ހޯދުމަށް, ކްލަބު ފުޓުބޯޅައިގައި ކުޅުމުގެ ފުރުސަތު ޓިއެލެމެންސް ހޯދަން ޖެހެއެވެ. އެހެންކަމުން އަންނަ ޖެނުއަރީގައި ޓިއެލެމެންސް, ގަލަތަސަރާއީއަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް