ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުގެ މޮޅުވުމުގެ ސިލްސިލާއަށް އިންގްލެންޑް ނިމުން ގެނެސްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ބަލިނުވެ ހިފަހައްޓަމުން އައި 43 މެޗުގެ ރެކޯޑު ނިމުމަކަށް އައިއްސިއެވެ.

އިންގްލެންޑުން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީވެސް އެޓީމުންނެވެ. އެއީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފަށް ނުކުތްއިރު ސްޕެއިނުން ތިން ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން ޕައު ކުބާސީ އާއި ފަބިއަން ރުއިޒްގެ އިތުރުން މިކެލް މެރީނޯގެ ބަދަލުގައި ޑީން ހައުސަން އާއި ޕެޑްރީގެ އިތުރުން ފާމިން ލޮޕޭޒް ވަނީ ކުޅެން އަރުވާފައެވެ.

މި މެޗުގައި އިންގްލެންޑުން ފަރަގު ބޮޑުކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނެޓުގައި އެޒްރީ ކޮންސާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ބެން ވައިޓް ވަނީ އިތުރު ލަނޑެއް ޖަހައި، އިންގްލެންޑުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ސްޕެއިނުން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އެލިއަޓް އެންޑަސަން ޕެނަލްޓީ އޭރިއާ ތެރެއިން ލަމީން ޔަމާލް އަށް ފައުލްކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީން، މިކޭލް އޮޔަރްޒަބާލްއެވެ. މިއާއެކު، އެންޑަސަންއަށް ރަތްކާޑެއްވެސް ދައްކާފައިވެއެވެ.

މި މެޗުގައި ސްޕެއިނުން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 75 ވަނަ މިނެޓުގައި ލަމީން ޔަމާލްގެ އެސިސްޓަކުން ނިކޯ ވިލިއަމްސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން އިންގްލެންޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ލިބިފައެވެ. މި ދެޓީމަށްވެސް 15 ޕޮއިންޓް ލިބިފައިވީ ނަމަވެސް އިންގްލެންޑްއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

comment ކޮމެންޓް