ކަސެމީރޯއަށް އަނިޔާވެއްޖެ

މެންޗެސްޓާ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއަށް އަނިޔާވެއްޖެއެވެ.

މީގެ ކުރިން ރެއާލް މެޑްރިޑުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އުމުރުން 31 އަހަރުގެ ކެސެމީރޯގެ ފަޔަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާ އަތުން 1-1ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ.

އެ މެޗުގައި ބްރެޒިލްގެ ފުރަތަމަ 11ގައި ހިމެނިގެން ކުޅުނު ނަމަވެސް، މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ކޯޗު ފެނާންޑޯ ޑިނިޒް ވަނީ ކަސެމީރޯ ބަދަލުކޮށްފައެވެ. އެ އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތެއް އަދި ކަށަވަރެއް ނުވެއެވެ.

"އަހަރެމެންގެ ފަހު ތިން ބަދަލު ގެނައި އިރުވެސް އަހަރެމެންނަށް މެޗުގެ ކޮންޓްރޯލު އޮތް. ބަދަލުކުރުމަށް ކަސެމީރޯ އެދުނީ އޭނާގެ ފަޔަށް އަނިޔާއެއް ވުމުން،" މެޗަށްފަހު ބްރެޒިލްގެ ކޯޗު ޑިނިޒް ބުންޏެވެ.

އަމިއްލަ ގައުމުގައި ކުޅުނު ކޮލިފައިންގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ވެސް ބްރެޒިލުންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ގެބްރިއެލް މަގަލްހޭސްގެ ގޯލުން ބްރެޒިލަށް ލީޑު ލިބިފައިވަނިކޮށް، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެނެޒުއޭލާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޑުއާޑް ބެލޯއެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ބްރެޒިލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތް ވާދަވެރި އާޖެންޓީނާ އާއި ބްރެޒިލާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ކޮލިފައިންގައި ބްރެޒިލުން ދެން ނުކުންނަން ޖެހޭނީ ތާވަލުގެ ހަތަރުވަނައިގައި އޮތް އުރުގުއާއީއާ ދެކޮޅަށެވެ. އުރުގުއާއީގެ ދަނޑުގައި ކުޅޭ އެ މެޗަށް ބްރެޒިލު ނުކުންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

comment ކޮމެންޓް