އެތައް ގޮތަކުން ބަލާއިރު ރާއްޖެ އޮތީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މަތީގައި ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއަރުވަން ބޭނުންވާނަމަ ދާއިރާ ސިންދަފާތުކުރަން ޖެހޭކަމަށް، ރާއްޖެއަށް ޓޫރިޒަމް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެއެވެ.
ނަސީމް މިފަދައިން ވިދާޅުވީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ނެޝަނަލް ޓުއަރިޒަމް ޑޭ ގާލާ ނައިޓް ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އޭނާ ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖެއިން ވިއްކާ ޕްރޮޑަކްޓްތަކަކީ ހަމައެކަނި ގުދުރަތީ ބީޗުތަކާއި މޫދާއި ކަނޑާއި ކަނޑު އަޑީގެ ހިތްގައިމުކަން އެކަނި ކަމުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ.
"އިތުރު ކަންކަން ތައާރަފުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަމާތޯ. ރާއްޖެއަކީ 3000 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ގައުމެއް. ރާއްޖެއަކީ މުއްސަނދި ސަގާފަތެއް އޮތް ގައުމެއް. އަމިއްލަ ބަހަކާއި ޅެންވެރިކަމާ ތަފާތު އެތައް އާދަކާދަތަކާ ސިފައެއް އޮތް ގައުމެއް،" ނަސީމް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް އެފަދަ ކަންކަމަށް އިސްކަން ދީފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން ދެންއޮތް ހަރުފަތަށް ވެސް ދަތުރު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް "ހެރިޓޭޖް ޓޫރިޒަމް" ތައާރަފު ކުރަން ޖެހޭކަމަށެވެ.
"ހެރިޓޭޖަ ޓުއަރިޒަމް މުޅި ރާއްޖެއަށް ފަތުރާލާ އަޅުގަނޑުމެންގެ ތާރީޚާއި، ދިވެހިންގެ ރީތި އާދަކާދައާއި މުއްސަނދި ސަގާފަތާއި، ދިވެހި އާންމު ރައްޔިތުންގެ ދިރިއުޅުމާއި، އެމީހުންގެ އޯގަތެރިކަމާއި، މެހެމާންދާރީ މުޅި ދުނިޔެއަށް އަޅުގަނޑުމެން އެބަ ތައާރަފު ކުރަން ޖެހޭ،" ނަސީމް ވިދާޅުވިއެވެ.
މިކަން ކުރުމަށް ޓަކައި ރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ހިމާޔަތް ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަކެތި ރަނގަޅަށް ބަލަހައްޓާ ޕްރޮމޯޓްކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނަސީމް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ދިވެހިންގެ ދިރިއުޅުމާއި އާދަކާދަ ގާތުން ދައްކަން ޖެހޭކަމަށެވެ.
"ހަމަ ޔަގީނުން ވެސް މިފަދަ ކަންކަމަކީ ފަތުރުވެރިން އެނބުރި ދިޔަ ނަމަވެސް ހިފައިގެން ދާނެ ކަންކަން. އެ ވާހަކަތައް އެތައް ބައެއް ކައިރީގައި އެމީހުން ދައްކާނެ،" އޭނަ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ކޮންމެ ދާއިރާއެއް ވެސް ސިންދަފާތު ކުރެވިއްޖެ ނަމަ ލިބޭ ނަފާ އިތުރު ކުރެވޭނެކަމަށެވެ.
ރޭ ބޭއްވި ގާލާ ނައިޓުގައި ވަނީ "މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް 2023" އެވޯޑު ވެސް ދީފައެވެ.