ކާރިސާތަކުން އަރައިގަތުމަށް މިހާރަށް ވުރެ ބޮޑަށް އިންވެސްޓު ކޮށްދޭން އެންޑީއެމްއޭއިން އެދިއްޖެ

އަލިފާނުގެ ހާދިސާއެއް ހިނގި ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް މިހާރަށް ވުރެ ވެސް ބޮޑަށް ދައުލަތުން އިންވެސްޓު ކުރުމާއި ބަޖެޓު ކަނޑައަޅައި ދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އާ ސަރުކާރުގައި އެދިއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަލަށް އިންތިޚާބުވެފައިވާ ސަރުކާރުން ވެސް ކުރިއަށް ގެންދިޔުމަށް އިސްކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން ފާހަގަކުރި ކަންކަމަކީ:

  • ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އެންޑީއެމްއޭއަށް ލިބިދޭ އެންމެހައި އިހްތިސާސްތަކާއި ބާރުތައް ލިބޭނެ މަގު ފަހިކޮށްދިނުން.
  • ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓު ކުރުމާއި ބަޖެޓު ކަނޑައެޅުމާއި، ތަރައްގީގެ ޕްލޭންތަކާއި މަޝްރޫއުތަކުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަފްހޫމް ހިމަނައި ރައްކާތެރި ބިނާވެއްޓަކަށް އިސްކަންދީ މުޖުތަމައު ބާރުވެރިކުރުވުން.
  • ކާރިސާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާ ދާއިރާތަކުގެ ތެރޭގައި ތެރޭގައި ހިމެނޭ ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދިރިއެޅުމަށް ކުރާ މަސައްކަތްތަކާއި، ވިޔަފާރިތަކާއި، އޮޑިދޯނިފަހަރާއި މުޅި ޓުއަރިޒަމް ސިނާއަތަށް ވެސް ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް އިންޝުއަރެންސަށް އަހުލުވެރިކުރުވުން.
  • ބައެއް ދާއިރާތައް އިންޝުއަރެންސް ކުރުމަށް މަޖުބޫރުކުރުވުން.
  • އިންޝުއަރެންސް ސްކީމްތަކުގެ ތެރެއިން ރިސްކް ޓްރާންސްފާ ކުރެވޭނެ އިންތިޒާމް މިހާރަށްވުރެ ލުއި ފަސޭހަގޮތަކަށް ހުރިހާ ދާއިރާއަކަށް ފަހިކޮށްދިނުން.
  • އެކި ދާއިރާތައް އިންޝުއަރެންސް ރައްޓެހިކޮށް އަތުޖެހޭ ހިސާބަށް ގާތްވާނެ ގޮތްތައް އެމްއެމްއޭއާއި އިންޝުއަރެންސް ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުން.

އެންޑީއެމްއޭއިން މި ކަންކަމަށް ގޮވާާލާފައިވާ އިރު ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް އެއް އަހަރުން އަނެއް އަހަރު ދައުލަތުން ކުރަންޖެހޭ ހޭދަ ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 4.9 މިލިއަން ރުފިޔާ ދައުލަތުން ވަނީ ޚަރަދު ކޮށްފައެވެ. އަދި، މި އަހަރުގެ މިހާތަނަށް 225 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

https://sun.mv/183101

ބޯކޮށް ވާރޭ ވެހުމާއި، އުދަ އެރުމާއި، ރަށްރަށުގައި ފެން ބޮޑުވުމުގެ އިތުރުން އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ވަނީ މި އަހަރު އިންތިހާއަށް އިތުރުވެފައެވެ.

އެގޮތުން ޅ، ށ، އއ އަދި ބ އަތޮޅުގެ ރަށްތަކުން ވަނީ މި ފަހުން ވެސް ވިއްސާރައިގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އެންޑީއެމްއޭ އިން ވަނީ އެމްއެންޑީއެފްއާ ގުޅިގެން އެ ރަށްރަށުގައި އެކަމުން އަރައިގަތުމަށް އެހީތެރިވެދީފައެވެ.

comment ކޮމެންޓް