ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް މި އަހަރުގެ މިހާތަނަށް 4.9 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކުރި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ފާތުވެދިޔަ ތިން އަހަރަށް ބަލާއިރު ބޯކޮށް ވާރޭ ވެހުމާއި، އުދަ އެރުމާއި، ރަށްރަށުގައި ފެން ބޮޑުވުމުގެ އިތުރުން އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދައުލަތުން ހޭދަކުރާ މިންވަރު އެއް އަހަރުން އަނެއް އަހަރު އިތުރުވަމުންދާ ކަމަށެވެ.
އެގޮތުން 2021 ވަނަ އަހަރު 4.8 މިލިއަން ރުފިޔާ ހޭދަވި އިރު، 2022 ވަނަ އަހަރު ވަނީ 3.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ވަނީ 4.9 މިލިއަން ރުފިޔާ ހޭދަވެފައެވެ. އެއީ، ވޭޔުވެދިޔަ ދެ އަހަރާ އަޅާ ބަލާއިރު ވެސް އިތުރު އަދަދެކެވެ.
އެންޑީއެމްއޭ އިން ލަފާކުރި ގޮތުގައި މި އަހަރު ނިމެންވާއިރަށް 5.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
މީގެ އިތުރުން އެއް އަހަރުން އަނެއް އަހަރަށް ގުދުރަތީ ކާރިސާތަކުގައި ބޯހިޔާވަހިކަން ގެއްލުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު 61 މީހަކަށް އަދި 2022 ވަނަ އަހަރު 85 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މި އަހަރުގެ މިހާތަނަށް 225 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، އެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
މާދަމާއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ. ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދުވަހެއް ފާހަގަކުރަން ފަށާފައި ވަނީ މީގެ 34 އަހަރު ކުރިން 1989 ގައި އދ.ގެ ޖެނެރަލް އެސެމްބްލީގައި ނިންމި ނިންމުމަކުންނެވެ.
މި ދުވަސް ފާހަގަކުރުމަށް 2023 ވަނަ އަހަރު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ވިލުންތެރި ކުރިމަގަކަށްޓަކައި ތަފާތުކުރުން ނައްތާލުން" މިއެވެ.
އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް 2030 ވަނަ އަހަރާ ހަމައަށް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައި 560އަށް ވުރެ ގިނަ ގެއްލުންދެނިވި ކާރިސާ ކޮންމެ އަހަރަކުމެ ކުރިމަތިވާނެ ކަމަށް މާހިރުން ލަފާކޮށްފައިވާ ކަމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި 37.6 މިލިއަން މީހުންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.
"މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ގައުމުތަކުގެ ތެރޭގައި މި ރާއްޖެ ހިމެނޭނެ ކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކާރިސާތަކުން ލިބޭ ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށެވެ،" އެންޑީއެމްއޭގެ ބަޔާނުގައި ބުންޏެވެ.