ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން، ފަސް ފަނޑިޔާރުންނަށް މަދުކުރާ ގާނޫނު ތަސްދީގުނުކުރެއްވުމަށް ފަސް ޖަމިއްޔާއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފިއެވެ.
އެ ގާނޫނު ތަސްދީގުނުކުރެއްވުމަށް އެ މަނިކުފާނަށް ގޮވައިލެއްވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް، ސޭވް މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށެވެ. ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބެލުމަށެވެ. އެއާއެކު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކޮށްފައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފުތާގެ ތެރޭ ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ. އެއާއެކު އެ މައްސަލަ މިހާރި އޮތީ ނުބެލި، ސުޕްރީމް ކޯޓުގައި 'ތަޅެއް' އެޅުވިފައެވެ.
އެ މައްސަލައާ ގުޅިގެން ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ސުޕްރީމް ކޯޓުގައި މިހާރު ބަލަމުންދާ މައްސަލަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލައިފައެވެ. އަދި، ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން އެ މައްސަލައަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ބަލަމުން ދަނިކޮށް، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަކީ އެ ކޯޓު 'ޕެރެލައިޒްކޮށް'، މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޖަމިއްޔާތަކުން ބުނި ގޮތުގައި އެއީ ދައުލަތުގެ ތިން ބާރުގެ މެދުގައި އޮންނަ ޗެކް އެންޑް ބެލެންސްގެ ދުސްތޫރީ ބިންގާ ރައްޔިތުންގެ މަޖިލީހުން ނަގާލުމެވެ.
އެ ޖަމިއްޔާތަކުން ވަނީ ބާ ކައުންސިލުންނާއި، ވަކީލުން އެ މައްސަލައާއި ދެކޮޅުކަން ފާހަގަކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު --
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދުގެ އިތުރުން، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މި މައްސަލަ ބަލަމުން ދަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ހުސްނުއްސުއޫދާއި، ފަނޑިޔާރުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރިއެވެ.
ސަސްޕެންޝަނުގައި ހުންނަވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވީ ރައީސަށެވެ. އޭގެ ފަހުން ޖޭއެސްސީއަށެވެ. ހަމައެއާއެކު އިއްޔެ ވަނީ ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ ހައްޔަރުކުރި މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެ އަޒްމިރަލްދާގެ ގާނޫނީ ވަކީލުން ބަޔާނެއް ނެރެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ދެ ދުވަހުގެ މަސައްކަތުން ފާސްކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރައްވައި މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަން ސާފުވާކަމަށް އިދިކޮޅުން ބުނެއެވެ.