ސަޓާގައި ސަން ސިޔާމް އިރުފުއްޓަށް ގޯލްޑް އެވޯޑް ލިބިއްޖެ

ސަޓާ 2023ގައި ސަން ސިޔާމް އިރުފުއްޓަށް ލީޑިން އޯލް އިންކްލޫސިވް ރިސޯޓުގެ ކެޓެގަރީން ގޯލްޑް އެވޯޑް ލިބުން --

މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް 2023(ސަޓާ)ގައި ސަން ސިޔާމް އިރުފުށި ރިސޯޓަށް ލީޑިން އޯލް އިންކްލޫސިވް ރިސޯޓުގެ ކެޓެގަރީން ގޯލްޑް އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑު ހަފުލާ ބާއްވައިފައިވަނީ މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރަޓަން ގްރޭންޑުގައެވެ. މި އެވޯޑަށް ކެންޑިޑޭޓުން ނޮމިނޭޓު ކުރަނީ ގިނަ ދާއިރާތަކަކުން ބެލުމަށްފަހުގައެވެ.

މި އެވޯޑު ލިބުމާ ގުޅިގެން ސަން ސިޔާމް ރިސޯޓްސްގެ އެކައުންޓް ޑިރެކްޓަރު ރަކޭޝް ގުޕްތާ ވިދާޅުވީ އެ އެވޯޑު ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.

"މި އެވޯޑަކީ އަޅުގަނޑުމެން ފަތުރުވެރިންނަށް ދޭން މަސައްކަތްކުރާ މަތީ ފެންވަރުގެ ޚިދުމަތް ދިނުމުގައި ދޭ އިސްކަމާއި އެ މީހުންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދޭން ކުރާ މަސައްކަތް ހާމަކޮށްދޭ އެވޯޑެއް،" އޭނާ ވިދާޅުވިއެވެ.

މި އެވޯޑާއެކު، ފަތުރުވެރިންނަށް މިހާރަށް ވުރެ ރަނގަޅު ޚިދުމަތެއް ދިނުމުގައި އިތުރަށް މަސައްކަތްކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސަޓާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކަތްތެރިވާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދޭ އެވޯޑެކެވެ.

ސަން ސިޔާމް ރިސޯޓްސް އިން ހިންގާ ރިސޯޓުތަކުގެ ތެރެއިން ސަން ސިޔާމް އިރުފުށި ރިސޯޓަކީ ނ. އަތޮޅުގައި ހިންގާ ރިސޯޓެކެވެ. ޕްރައިވެޓް ސުއިޓްސް ހިމެނޭހެން އެ ރިސޯޓުގައި 221 ވިލާ ހުރެއެވެ. މުނިފޫހި ފިލުވުމުގެ އެކި ހަރަކާތްތަކަށް މި ރިސޯޓުގައި ފުރުސަތު ފަހިވެފައިވާއިރު 14 ރެސްޓޯރެންޓެއް މި ރިސޯޓުގައި ހުރެއެވެ.

comment ކޮމެންޓް