ޑރ. މުއިއްޒަށް ނޮވެމްބަރު 11 ގައި ހުވާ ކުރެވޭކަށް ނެތް: އޭޖީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރަށް ބަދަލެއް ނުގެނެސް 11 ނޮވެމްބަރުގައި އާ ރައީސް ހުވާކުރުމަކީ ދުސްތޫރީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް، އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ފަސް އަހަރު ފުރެނީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ. ރައީސް އަބްދުﷲ ޔާމީނާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ދުވަހަކީ ނޮވެމްބަރު 11 އެވެ. އެހެންވެ ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ, ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

https://sun.mv/182690

މި މައްސަލާގައި އެޓާނީ ޖެނެރަލްގެ ލަފާ "ސަން" އާ ހިއްސާ ކުރައްވަމުން ރިއްފަތު ވިދާޅުވީ ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ ހ. ގައި ކަނޑައަޅާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ މުއްދަތަކީ ފަސް އަހަރު ކަމަށެވެ. އެ މުއްދަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށް ރިއްފަތު ވިދާޅުވިއެވެ.

"އެ އިސްލާހު ގެންނައިރުގައި 262ގައި އެބަ ބަޔާން ކުރޭ ބައެއް ހާލަތްތަކެއް. އެ ހާލަތްތަކުގައި ގާނޫނުއަސާސީއަށް ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ވެސް ދާން ޖެހޭނެ ކަމަށް،" ރިއްފަތު ވިދާޅުވިއެވެ.

އަންނަ މަހުގެ 11 އާ ހަމައަށް ރައީސްގެ ދައުރު ހަމަނުވާއިރު އެމަނިކުފާން އިސްތިއުފާ ދެއްވައިފިނަމަ ދެން މަގާމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސެވެ. ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައިފިނަމަ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ މަޖިލީހުގެ ގަރާރަކުން ހޮވާ މެމްބަރެކެވެ.

"ކޮންމެ ގޮތެއް ވިޔަސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވޭނީ 17 ނޮވެމްބަރު 2023ގައި. އެއީ އެ ދުވަހު ފަސް އަހަރުގެ ދައުރު ނިމުމަކަށް އަންނާނީ،" ރިއްފަތު ވިދާޅުވިއެވެ.

އާ ރައީސަކު ހުވާ ކުރާ ތާރީޚަކީ ނޮވެމްބަރު 11 ކަމަށް ގާނޫނުއަސާސީގައި އޮތް މާއްދާއަކީ ދާއިމަށް އަމަލު ކުރަން ޖެހޭ މާއްދާއެއް ނޫން ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެދުމަކީ ކުރިން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11ގައި ވެރިކަން ބަދަލުވެގެންދިޔުން ކަމަށެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 11 ނޮވެމްބަރު 1968 ގައެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ޖުމްހޫރިއްޔާގެ ދައުރު ހަމަވާ އަހަރެވެ.

ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެ ތާރީޚަށް އާ ރައީސަކު އިންތިޚާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގައެވެ.

އޭގެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.

އެކަމަކު، ރައީސް ޞާލިޙް ވަނީ އެ މަނިކުފާނުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ނިމެން އޮތްނަމަ ނިންމަވައިލައްވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 109,868 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުޙައްމަދު މުއިއްޒު 54 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 129,159 ވޯޓެވެ. ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސްގެ ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ތައްޔާރީތައް އެމަނިކުފާން އަންނަނީ ވެ ވަޑައިގަންނަވަމުންނެވެ.

comment ކޮމެންޓް