ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ, ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސް ހުވާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ނާކާމިޔާބުވުމާ އެކު އެ މަނިކުފާނު ވަނީ ބަލި ގަބޫލުކުރައްވައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.
އިންތިޚާބުން ބަލިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11ގައި އިންތިޚާބީ ރައީސަށް ހުވާ ކުރެއްވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ނޮވެމްބަރު 11 ގައި ހުވާ ކުރުމަށް ހުރި ގާނޫނީ ހުރަސްތަކާ މެދު މިހާރު ދިރާސާ ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ގާނޫނީ ގޮތުން އެ ކަމަށް ހުރަހެއް ނެތް ކަމަށް ވަންޏާ ވެރިކަން ބަދަލުވެގެންދާނެ. އެހެންވީމަ ގާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން،" ރައީސް ޞާލިޙު ވިދާވިއެވެ.
"އެހެން ނޫން ނަމަ ނޮވެމްބަރު 11 ގައި ދައުރު ބަދަލުވެގެންދާނެ،"
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެދުމަކީ ކުރިން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11ގައި ވެރިކަން ބަދަލުވެގެންދިޔުމެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނީ 11 ނޮވެމްބަރު 1968 ގައެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެއިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެ ތާރީހަށް އާ ރައީސަކު އިންތިޚާބު ނުކުރެވި، ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17ގައެވެ.
އޭގެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.
އެކަމަކު، ރައީސް ޞާލިޙް ވަނީ އެ މަނިކުފާނުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ނިންމަވައިލައްވާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މުއިއްޒު 54 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 126،499 ވޯޓެވެ.