އިސާކްއަށް އަނިޔާވެ، ނިއުކާސަލަށް އުނދަގޫތަކެއް

ނިއުކާސަލް ޔުނައިޓެޑުގެ ސްވިޑަން ފޯވަޑް އެލެކްސެންޑާ އިސާކް -- ފޮޓޯ/ ގެޓީ

ނިއުކާސަލް ޔުނައިޓެޑުގެ ސްވިޑަން ފޯވަޑް އެލެކްސެންޑާ އިސާކްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އިސާކްގެ ކަކުލަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލުން އެންމެ ފަހުން ވެސްޓްހާމް ޔުނައިޓެޑު އަތުން 2-2ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ. އެ މެޗުގައި ނިއުކާސަލްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އިސާކްއެވެ.

އިސާކްއަށް އަނިޔާވެފައިވަނީ ޔޫރޯ 2024ގެ ކޮލިފައިންގައި ބެލްޖިއަމްއާ ދެކޮޅަށް ސްވިޑަށް ކުޅޭ މެޗުގެ ސްކޮޑަށް އޭނާ ނަގާފައިވަނިކޮށެވެ. ނަމަވެސް އަނިޔާއާ ގުޅިގެން އެ މެޗުގައި އޭނާ ނުފެންނާނެކަން ސްވިޑަން ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

"އިސާކް ވަނީ ޔޫރޯ ކޮލިފައިންގައި ކުޅޭ މެޗުގެ ސްކޮޑުން ވަކިވާން ޖެހިފައި. ނިއުކާސަލުން ވެސްޓް ހާމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސްވިޑަން ގައުމީ ޓީމުގެ މެޑިކަލް ޓީމުން ވަނީ ޓެސްޓުތަކެއް ހަދާފައި. އޭނާއަށް ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ،" ސްވިޑަން ގައުމީ ޓީމުގެ ބަޔާނުގައި ބުންޏެވެ.

އެ އަނިޔާއާ ގުޅިގެން ކްލަބު ފުޓުބޯޅަ އަލުން ފެށުމުގެ ކުރިން އިސާކް ފިޓުވާނެ ކަމަކަށް ނުބެލެވެއެވެ. މިސީޒަން ފެށުނު އިރު، އިސާކް ހުރީ ރަނގަޅު ފޯމެއްގައެވެ. އޭނާ ވަނީ މިސީޒަނުގެ ޕްރިމިއާ ލީގުގެ ހަތް މެޗުން ހަ ގޯލު ކާމިޔާބުކޮށްފައެވެ. ކަރަބައޯ ކަޕްގައި ނިއުކާސަލުން މެންޗެސްޓާ ސިޓީ ބަލިކުރި މެޗުގައި ވެސް އިސާކްގެ ގޯލެއް ފެނިގެންދިޔައެވެ.

އުމުރުން 24 އަހަރުގެ އިސާކް ނިއުކާސަލާ ގުޅުނީ މިދިޔަ އަހަރު ރެއާލް ސޮސިއެދާދުން 63 ޕައުންޑް (66.5 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އެއީ ނިއުކާސަލްގެ ރެކޯޑު ޓްރާންސްފާ ފީއެކެވެ.

comment ކޮމެންޓް