ގިމަރޭސް، ކޮންޓްރެކްޓް އާކުރިކަން ނިއުކާސަލުން އިއުލާންކޮށްފި

ނިއުކާސަލްގެ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރޭޒް -- ފޮޓޯ/ ގެޓީ

ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރޭސް، ނިއުކާސަލް ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ނިއުކާސަލްގައި މަޑުކުރުމަށް ގިމަރޭސް ކޮންޓްރެކްޓް އާކޮށްފައިވާކަން އެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ. ގިމަރޭސްއަކީ 2021 ވަނަ އަހަރު ސައުދީ އަރަބިއާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ނިއުކާސަލް ގަތް ފަހުން އެ ކްލަބުން އެންމެ ފުރަތަމަ ހޯދި މުހިންމު ކުޅުންތެރިޔާއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ނިއުކާސަލްއާ އެކު ގިމަރޭސް ސޮއިކުރި އާ ކޮންޓްރެކްޓުގެ ދަށުން އޭނާ ހޯދުމަށް އެހެން ކްލަބަކުން ބޭނުންވާ ނަމަ، އެންމެ މަދުވެގެން 100 މިލިއަން ޕައުންޑް (122 މިލިއަން ޑޯލަރު) ހުށަހަޅަން ޖެހޭނެއެވެ. އެހެންކަމުން ކައިރި މުސްތަގުބަލެއްގައި އެހެން ކްލަބަކުން އޭނާ ފެނުމަކީ ދުރު ކަމެކެވެ.

އާ ކޮންޓްރެކްޓުގައި ސޮއިކުރުމަށް ފަހު ނިއުކާސަލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގިމަރޭސް ބުނީ އެ ނިންމުމާ މެދު އުފާކުރާ ކަމަށާއި ޓީމު އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި، ބޭނުންވި ގޮތަށް މިހާރު ޔޫއެފާ ޗެމްޕިއަންސް ލީގަށް ވެސް ކުޅެވޭ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 25 އަހަރުގެ ގިމަރޭސް ހޯދުމަށް ލިވަޕޫލުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ލިވަޕޫލުން އޭނާ ހޯދުމަށް 100 މިލިއަން ޕައުންޑާ ގާތްކުރާ އަގެއް ހުށަހެޅި ނަމަވެސް، ނިއުކާސަލުން އެ ހުށަހެޅުން ގަބޫލުކޮށްފައެއް ނުވެއެވެ. ލިވަޕޫލުގެ އިތުރުން ރެއާލް މެޑްރިޑުން ވެސް ގިމަރޭސްއަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

comment ކޮމެންޓް