މިއަދު ހަވީރު މާލެއިން ހުޅުމާލެއަށް ދަތުރުކުރި މީހަކު އެކްސިޑެންޓުވެފައި އޮއްވައި ނައިބު ރައީސް ފައިސަލް ނަސީމް އެހީތެރިކަން ފޯރުކޮށްދޭ ވީޑިއޯއަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެއެވެ.
ހައިވޭގައި ހަތަރު ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފައި ވަނީ މިއަދު ހަވީރުއެވެ. އެ ކަމާ ގުޅިގެން ހައިވޭގެ ޓްރެފިކް ވެސް ވަނީ ބްލޮކް ވެފައެވެ.
މިއަދު ހުޅުލެއާއި މާލެ ގުޅުވައިލަދޭ ހައިވޭގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހާއަށް އެހީތެރިވެދިނުމުގައި ފައިސަލް ހުންނެވި މަންޒަރު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެއާ އެކު އެ ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.
އެ ސަރަހައްދުގައި އެ ވަގުތު ހުރި މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ ފައިސަލް ހުޅުމާލެ ވަަޑައިގެންނެވީ އަމިއްލަ ކަމެއްގައި ކަމަށެވެ. ނަމަވެސް، އެކްސިޑެންޓުވެފައިވާ މަންޒަރު ފެނުމުން މަޑުކުރައްވައި އެހީތެރިވެދެއްވީ ކަމަށް ކިޔައިިދިނެވެ.
"ހުޅުމާލެ ހޮސްޕިޓަލަށް ވެސް ވީޕީ ގުޅުއްވީ. ގުޅުއްވުމަށް ފަހު އެމްބިއުލާންސް އަންނަންދެން މަޑުކުރެއްވި،" އޭނާ ކިޔައިދިނެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ވެއްޓިފައި އޮތް މީހާގެ ހާލު ވެސް ފައިސަލް އައްސަވައެވެ. އަދި، އޭނާ ހޮސްޕިޓަލަށް ގެންދަވަންދެން މަޑުކުރައްވައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބްރިޖް ހައިވޭގެ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބްރިޖްގެ ޓްރެފިކް ބްލޮކް ވެފައިވާ ކަމަށާއި ބްރިޖް ބޭނުންކުރާ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އިޖްތިމާއީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނައިބު ރައީސް ފައިސަލަކީ އެކްސިޑެންޓުތައް މަދު ކުރުމާއި ރޯޑް ސޭފްޓީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ މީގެ ކުރިން އުފަން ރަށް ޏ. ފުވައްމުލަކުގައި އަމިއްލަ ޚަރަދުގައި ބަންޕަރުތަކެއް ވެސް ގާއިމްކޮށްފައެވެ. އަދި، އެ މަނިކުފާނުގެ ޚަރަދުގައި ރޯޑް ސޭފްޓީގެ އެތައް ޕްރޮގްރާމެއް ވެސް ހިންގާފައިވެއެވެ.
މީގެ ކުރިން ހިނގި ބައެއް އެކްސިޑެންޓުތައް ހިނގި ވަގުތު ވެސް ފައިސަލް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، 2019 ވަނަ އަހަރު މީހަކު މިސްކިތަށް ވެއްޓުނު މީހަކު ވެސް ފައިސަލްގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދެއްވާފައިވެއެވެ.
މީގެ އިތުރުން ވެސް ހުޅުމާލޭ ލިންކް ރޯޑުން ޔޫ ޓާނެއް ނަގައިގެން ހިނގި އެކްސިޑެންޓުގައި ވެސް އެ މަނިކުފާނު އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.
އެ މަނިކުފާނުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އިރު އެ ދެ ރަށުގައި ވެސް ވަނީ ރޯޑް ސޭފްޓީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އިޖުތިމާއީ ޚިދުމަތުގައި މަގުމަތީގެ ރައްކާތެރިކަމަށް ފައިސަލް ބޮޑު އިސްކަމެއް ދެއްވާއިރު އެ މަނިކުފާނުގެ ދައްތާފުޅު ތުއްޕުޅު އިރުގައި އަވަހާރަވީ ބައިސްކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ފުވައްމުލަކުގައެވެ.