ޕީއެސްޖީގެ ޓެކްޓިކްސް ގޯހެއް ނޫން، މައްސަލައަކީ ނަތީޖާ: އެންރީކޭ

ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ -- ފޮޓޯ/ ގެޓީ

ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ބޭނުންކުރި ޓެކްޓިކްސް ގޯސް ނޫން ކަމަށާއި މައްސަލައަކަށްވީ ނަތީޖާ ނުނެރެވުން ކަމަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޕީއެސްޖީގެ ކޯޗު އެންރީކޭ ބޭނުންކުރި ޓެކްޓިކްސްއަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެ މެޗުގައި އެންރީކޭ ބޭނުންކޮށްފައިވަނީ އާންމުކޮށް ނުފެންނަ 4-2-4ގެ ފޯމޭޝަނެކެވެ. އެގޮތުން މެޗުގެ ފުރަތަމަ 11ގައި އެންރީކޭ ވަނީ ފޯވަޑުންގެ ގޮތުގައި ހިމެނޭ އޮސްމާން ޑެމްބެލޭ، ރަންޑަލް ކޯލޯ މުއާނީ، ގޮންކާލޯ ރާމޯސް އަދި ކިލިއަން އެމްބާޕޭ ވެސް ބޭނުންކޮށްފައެވެ. އެއާއެކު މިޑްފީލްޑްގައި ކުޅުންތެރިން މަދުވުމުން އެކަމުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.

ޓެކްޓިކްސްއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އެންރީކޭ ބުނީ ބޭނުންކުރީ އެންމެ ރަނގަޅު ޓެކްޓިކްސް ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށާއި ނަމަވެސް ނަތީޖާ ނެރެވިފައި ނުވާ ކަމަށެވެ.

"މިއީ ކޯޗެއްގެ ގޮތުގައި ތަހައްމަލުކުރަން ޖެހޭނެ އުނދަގޫ ނަތީޖާއެއް. ނަތީޖާ އެންމެ ރަނގަޅެއް ނޫން، އެކަމަކު މުޅިއަކުން ގޯހެއް ވެސް ނޫން. އަހަރެމެންނަށް މައްސަލައަކަށްވީ ނަތީޖާ ނުނެރެވުން. ޓެކްޓިކްސް ގޯސްވީކީ ނޫން،" އޭނާ ބުންޏެވެ.

އެންރީކޭ ބުނީ ނިއުކާސަލުން ރަނގަޅު ފުޓުބޯޅައެއް ކުޅުނު ކަމަށާއި ޕީއެސްޖީއަށް ގޯސްތަކެއް ހެދިގެން މެޗުން ބަލިވީ ކަމަށެވެ. އަދި ނިއުކާސަލުން ހޯދީ ހައްގު މޮޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މެޗުގައި ޕީއެސްޖީގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސް ޑިފެންޑަރު ލޫކަސް ހެނާންޑޭޒެވެ. މެޗުގައި ފޯވަޑުންގެ ގޮތުގައި ބޭނުންކުރި ޑެމްބެލޭ، ކޯލޯ މުއާނީ، ރާމޯސް އަދި އެމްބާޕޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައެއް ނުވެއެވެ.

comment ކޮމެންޓް