ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު "ގްރޫޕު އެފް"ގެ އެ މެޗުގައި ޕީއެސްޖީގެ މައްޗަށް ނިއުކާސަލުން ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ 90 މިނެޓު ކުޅުނު ނަމަވެސް, އޭނާއަށް ތަފާތު ދެއްކިފައެއް ނުވެއެވެ. އެ މެޗަށް ޕީއެސްޖީން ނުކުތީ ފުރަތަމަ މެޗުގައި ބޮރޫޝިއާ ޑޯޓަމަންޑް އަތުން ހޯދި މޮޅާއެކުއެވެ. އަދި ނިއުކާސަލްގެ ފުރަތަަމަ މެޗުގައި އޭސީ މިލާން އަތުން ވަނީ އެއްވަރުވެފައެވެ.
ރޭ ކުޅުނު މެޗުގެ 17 ވަނަ މިނެޓުގައި ނިއުކާސަލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕީއެސްޖީގެ ޑިފެންސަށް ހެދުނު ގޯހަކުން ނިއުކާސަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕެރަގުއޭ ފޯވަޑް މިގެލް އަލްމިރޮންއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލާފައިވަނީ ޕީއެސްޖީ ގޯލުގެ ތިރީ ކަނަކަށެވެ.
ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ނިއުކާސަލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބްރޫނޯ ގިމަރޭސް ނަގައިދިން ހުރަހަކުން ނިއުކާސަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު ޑޭން ބާންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ނިއުކާސަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ 16 މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ގޯލެއް ޖެހިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ކީރެން ޓްރިޕިއާ ދިން ބޯޅައަކުން ނިއުކާސަލްގެ ތިންވަނަ ގޯލު އިނގިރޭސި މިޑްފީލްޑަރު ޝޯން ލޯންގްސްޓާފް ކާމިޔާބުކޮށްދިން އިރު، އޭގެ ހަ މިނެޓު ފަހުން ޕީއެސްޖީގެ ފުރަތަމަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސް ޑިފެންޑަރު ލޫކަސް ހެނާންޑޭޒެވެ.
މެޗުގައި ނިއުކާލުން ޖެހި ހަތަރުވަނަ ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޖޭކޮބް މާފީ ދިން ބޯޅައަކުން ނިއުކާސަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޒަލެންޑް ޑިފެންޑަރު ފަބިއަން ޝާއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ ރަށުން ބޭރުގައި 3-1ގެ ނަތީޖާއަކުން އާރްބީ ލައިޕްޒިގް ބަލިކޮށްފައެވެ. ޑޯޓަމަންޑާއި މިލާން ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ބާސެލޯނާ އިން 1-0ގެ ނަތީޖާއަކުން ޕޯޓޯ ބަލިކުރި އިރު، ރަށުން ބޭރުގައި ލާޒިއޯ އިން ވަނީ 2-1ގެ ނަތީޖާއަކުން ސެލްޓިކް ބަލިކޮށްފައެވެ.