ފޭސްބުކް އެކައުންޓް ހެކްކޮށްގެން ފައިސާ ހޯދަނީ، ސަމާލުވެތިބޭތި

ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުން އަންނާތީ އެ ކަމަށް ސަމާލުވެތިބުމަށް އެ މުއައްސަސާއިން މިރޭ އެދެފިއެވެ.

ފުލުހުން ބުނީ ފޭސްބުކް އެކައުންޓް ޕާސްވޯޑް، ރީސެޓް ކުރުމަށް ކަމަށް ބުނެ، ގުޅައި އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް، އެ މުއައްސަސާއަށް ހުށަހެޅެމުން އަންނަ ކަމަށެވެ.

އެގޮތުން، 48 ގަޑިއިރުގެ ތެރޭގައި މިފަދަ ހަ މައްސަލަ ހުށަހަޅާފައިވާއިރު 35،000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާ ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިގޮތަށް ގުޅާ މީހުން، ތިޔަ ނަންބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަންބަރެއް ކަމަށް ބުނާ ކަމަށާއި އަދި މީގެ އިތުރުން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރަން ވެގެން ނަންބަރު ދޫކޮށްލީ ކަމުގައި ބުނާ ކަމަށެވެ.

އެހެންކަމުން އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭ ކަމަށާއި އަދި ޓޫފެކްޓާ އޯތޮންޓިކޭޓާ ސެޓުކޮށްފައި ވާނީ ތިޔަ ނަންބަރަށް ކަމަށް ބުނެ، ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް ވެސް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

"ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ވެސް ދަނީ ހުށަހެޅެމުން،" ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އަމިއްލަ ނަންބަރަށް މިގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާއި އަދި ފޭސްބުކް މެސެންޖާއިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ، ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކާކުކަން ޔަގީންކުރުމަށް ފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވެސް ފުލުހުން އެދިފައިވެއެވެ.

އޮޅުވާލައިގެން ފައިސާ ޓްރާންސްފާ ކުރުމާއި ސްކޭމް ކޯލްގެ މައްސަލަ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ފޯނުކުރާ އެއް ސަރަހައްދަކީ މާފުށި ހިމެނޭ ސަރަހައްދު ނުވަތަ މާފުށީ ޖަލު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެކި މީހުންނަށް ފޯނުކޮށްގެން އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާ މައްސަލާގައި ފުލުހުން ވަނީ މޮބައިލް ސިމް ވިއްކުން ހަރުކަށިކޮށް، ހަރުދަނާ ފިޔަވަޅުތަކެއް ވެސް އަޅަން މިހާރު ފަށައިފައެވެ.

comment ކޮމެންޓް