މުއިއްޒަށް ރައީސްކަމުގެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ދޭންޖެހޭ: ޝާހިދު

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ރައްޔިތުން އެ ވަނީ ކުރިއަށް އޮތް ފަސް އަހަރަށް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުކޮށްފައި ކަމަށާއި އެހެންވެ، ރައީސުލްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނަށް ޚާއްސަކޮށްފައިވާ ގޮނޑީގައި އިށީނުމުގެ ފުރުސަތު، އެންމެ ކުޑަމިނުން އެމްޑީޕީން ދޭންޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރިޔާސީ އިންތިޚާބުން ބަލިވުމަކީ ހިތްވަރު އެލުވާލަން ޖެހޭ ސަބަބެއް ނޫން ކަމަށާއި މިވަގުތަކީ އެމްޑީޕީގެ ބަދަހި ސަފުތައް އަލުން ރުކުރުވާލަން ވީ ވަގުތު ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އެއީ ދެކޮޅުވެރި ޕާޓީއެއް ނޫން ކަމަށެވެ.

"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން އެމަނިކުފާނަށް އެ ފުރުސަތު އަރުވަންޖެހޭ. އެއީ ރާއްޖޭގެ ރައްޔިތުން ބުނެފައި އެއޮތީ ތިމަންނަމެން ރައީސުލްޖުމްހޫރިއްޔާއަކަށް ބޭނުންވަނީ ޑރ. މުއިއްޒޭ. އެހެންވީމަ ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި، އެ ގޮނޑީގައި އިށީނދެވަޑައިގަތުމުގެ ފުރުސަތު އެންމެ ކުޑަމިނުން އެބަ ދޭންޖެހޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އޭނާއަކީ 2007 ގައި ނެގި ނިޒާމާބެހޭ ވޯޓުގައިވެސް މުޅި ރާއްޖެއަށް ދަތުރުކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުން ވަނީ ރާއްޖޭގައި އަދިވެސް ރިޔާސީ ނިޒާމެއް ބާއްވަންކަން ފާހަގަ ކުރައްވާ ވިދާޅުވީ ބަރުލަމާނީ ގެންނަން ތާއީދު ނުކުރައްވާނެ ކަމަށެވެ.

އަދި ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުންގެ އަޒުމަކަށް މިއަދު ހަދަންވީ 2024ގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެޕާޓީއަށް ހޯދުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިތިބީ މި ނެގި ވޯޓުގައި ކުޑަކޮށް ފަހަތަށް ޖެހިލާފައި. އެކަމަކު މި ވަގުތަކީ އަހަރެމެން އެކަމުގެ ސަބަބުން ހިތައް މަޑުމޮޅިކަން ގެންނަންވީ ވަގުތެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންވީ މި އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެންގެ އެމްޑީޕީއަށް ބޮޑުތަނުން ނެގޭ ގޮތަށް ސަފުތައް ރުކުވާލުމަށް،" ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނާނެ ނިޒާމާކާ ގުޅޭ ގޮތުން އޮގަސްޓު 18، 2007ގައި ނެގި ވޯޓުގައި ބައިވެރިވީ 149،380 މީހުންނެވެ. އޭގެ ތެރެއިން 62 އިންސައްތަ ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ.

comment ކޮމެންޓް