ރިޔާސީ ނިޒާމެއް ބޭއްވުމަށް އަމަލީގޮތުން މަސައްކަތް ކުރާނަން: ރައީސް

އެމްޑީޕީއިން މިހާރު ކުރިއަށް ގެންދާ ގައުމީ މަޖިލީހުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: އިބްރާހީމް ޝަމްވީލް

ދިވެހި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގޮތުގައި ބޭއްވުމަށް އަމަލީގޮތުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވިއެވެ.

އެމްޑީޕީއިން ވަކިވެގެން ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއިން އަންނަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަން ކުރުމަށް ތާއީދު ކުރަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ހާހެއްހާ މެމްބަރުން ތިބި ޑިމޮކްރެޓްސްއިން އެކަންޏެވެ.

އެމްޑީޕީއިން މިހާރު ކުރިއަށް ގެންދާ ގައުމީ މަޖިލީހުގެ ޖަލްސާ-- ފޮޓޯ: އިބްރާހީމް ޝަމްވީލް

ރިޔާސީ އިންތިޚާބުގެ ނާކާމީޔާބަށްފަހު އެމްޑީޕީއިން މިހާރު ކުރިއަށްގެންދާ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާން އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި މި ދެ ނިޒާމުގައި ވެސް ރަނގަޅު ކަންތަކާއި ގޯސްކަންތަކެއް ހުއްޓަސް މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމާއެކީގައި." އިމާދުއްދީން ސުކޫލުގައި ކުރިއަށް ދާ ގައުމީ މަޖިލީހުގައި ރައީސް ވިދާޅުވިއެވެ.

"ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށް ވާނަމަ ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަޅުގަނޑު އަމަލީ ގޮތުން ކުރާނެ ވާހަކަވެސް މިރޭ ތިބޭފުޅުންނަށް ދަންނަވާލަން."

އެމްޑީޕީއިން މިހާރު ކުރިއަށް ގެންދާ ގައުމީ މަޖިލީހުގެ ޖަލްސާ-- ފޮޓޯ: އިބްރާހީމް ޝަމްވީލް

ރައީސް ވިދާޅުވީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށާއި މިހާ ހިސާބުން ޕާޓީއިން ތައްޔާރުވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ.

"އެހެން ޕާޓީތަކާ ހިލާފަށް އިންތިޚާބު ނާކާމިޔާބުވުމަކުން އަޅުގަނޑުމެން މަޑަކުން ނުތިބެން. 2018 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މަންޒަރު އަޅުގަނޑުމެން ހަނދާން ހުންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަނގަޅު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ބޭއްވުމަށް އެމަނިކުފާނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންކަން މާގިނަ ދުވަސްތަކެއް ނުވެ ރައްޔިތުންނަށް އިހުސާސް ކުރެވޭނެ ކަމަށެވެ. މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރަށް މި ފަސް އަހަރުތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް