ވެރިކަން ނިމުނު ނަމަވެސް ރާއްޖެ ދޫކޮށް ނުދާނެ ކަމަށާއި މަގާމުގައި ހުންނަވައި ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް ކޮށްފައި ނުހުންނާނެ ކަމަށް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔަބީއާ ކުރިމަތިވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނާކަމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, ހުރިހާ ކަމެއް ވެސް ކޮށްފައި ހުންނާނީ ގާނޫނުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް ނޯންނާނެ ކޮށްފައެއް. އަޅުގަނޑު މިހުރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ވެސް ޖަވާބުދާރީ ވުމަށް. އަޅުގަނޑާ ދޭތެރޭގައި މައްސަލައެއް ޖެއްސޭވަރުގެ ކަމެއް ނޯންނާނެ ވަރަށް ސާފުކޮށް މި ދެންނެވީ. އެހެންވީމަ އަޅުގަނޑަށް ކުރިމަތިލެވޭނެ އެ ހުރިހާ ކަމަކާ," ރައީސް ވިދާޅުވިއެވެ.
އެ ކަމުގައި އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, ސަރުކާރުން ގޯސްކޮށް ކަމެއް ކޮށްފަވޭތޯ ބެލި ނަމަވެސް އެކަމަށް ވެސް ފަރުވާލެއް ނެތް ކަމަށެވެ.
މާޒީއަށް ބަލައި ވެރިކަމުން ފައިބާ ބޭފުޅެއްގެ މައްސަލަތައް ބަލައި ޖަލަށް ލާފައިހުރި ނަމަވެސް ޖަވާބުދާރީ ނުވާން ރާއްޖެއިން ބޭރަށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިއަދު ވަނީ ދެއްވާފައެވެ.
"އަޅުގަނޑު ރާއްޖެ ދޫކޮށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ދިރިއުޅޭނީ ރާއްޖޭގައި އިރާދަކުރެއްވިއްޔާ. އަދި އަޅުގަނޑުގެ އުފަން ރަށުގައާއި މާލޭގައި," ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް މީހުން ދަތުރުކޮށް އުޅޭ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ މަނިކުފާނު ރާއްޖޭގައި ދިރުއުޅުނު ނަމަވެސް ބައެއް ފަހަރު ރާއްޖެއިން ބޭރަށް ދަތުރު ކުރާނެ ކަމަށެވެ. ނަމަވެސް ދިރިއުޅުން އެއްކޮށް ރާއްޖެއިން ބޭރަށް ބަދަލު ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދާނީ އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުން ކަމަށެވެ. އަދި، މުސްތަގްބަލުގައި ސިޔާސީ ރޮގުން ކުރިއަށްދާނެ ގޮތެއް ކަނޑައަޅާނީ އެއަށް ފަހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ދެވަނަ ދައުރު ނިންމާފައި ރިޓަޔާ ކުރާ ވާހަކަ. ކޮންމެހެން އަޅުގަނޑު ހުންނަ މަގާމެއް ނޫން މި ވަގުތު މުހިންމީއެއް. އަޅުގަނޑުގެ ފިއުޗާގަ އަޅުގަނޑު ހުންނާނެ ތަނެއް ވެސް ނޫން. އެއަށްވުރެ އަޅުގަނޑުގެ މަސްއޫލިއްޔަތު ބޮޑު," ރައީސް ވިދާޅުވިއެވެ.
އެގޮތުން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރުމުގައި ދެމި ހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ، އިންތިޚާބުގެ ވޯޓުލީ 246،915 މީހުންގެ 46 އިންސައްތައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި، މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 129،159 ވޯޓެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ލިބުމާ އެކު ރައީސް ވަނީ އިންތިޚާބީ ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި، އިއްޔެ އެ މަނިކުފާނު ވަނީ ރައީސް އޮފީހުގައި މުއިއްޒާ ބައްދަލުކުރައްވައި، ސަރުކާރު ބަދަލުވުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.