އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު، ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ގެއްލުންދީ، ފޮށި ފަޅައިލި މީހާގެ ބަންދަށް 60 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން 60 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އިއްޔެ "ސަން"އަށް ވިދާޅުވީ، ވާދޫގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ވަތް މީހަކު، ފޮއްޓަށް ގެއްލުންދީ ފަޅައިލި ނަމަވެސް އެ ފޮށީގައި ހުރި ވޯޓު ކަރުދާސްތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އިއްޔެގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ހަމަނުޖެހުމުގެ ބައެއް ހާދިސާތައް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ލ. ފޮނަދޫ ވޯޓުލާ މަރުކަޒުގައި މަސައްކަތް ކުރާ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ އެ ރަށުގައި ވޯޓުލުން މެދުކަނޑާލާފައިވެއެވެ.
މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ނިހާދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ހަމަލާދިނުމުގެ މައްސަލައެއް ވެސް އިއްޔެ ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.
މި ދެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ 'އޮޕަރޭޝަން ބްލޫ ވޭވް'ގެ ދަށުން އިއްޔެ 19 މީހަކު ފުލުހުންގެ ބެެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާސް ދައްކައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހުން ހިމެނޭ ކަމަށް ފުލުހުން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ނަމަވެސް ފަހުން އެ ހުރިހާ އެންމެން ވަނީ ދޫކޮށްލައިފައެވެ.