ގދ. ވާދޫގައި ހުރި ވޯޓު ފޮއްޓެއް ފަޅާލައިފި

ގދ. ވާދޫގައި ހުރި ވޯޓު ފޮށި ފަޅާލާފައި -- ސަން ފޮޓޯ

ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ގެއްލުންދީ، ފޮށި ފަޅާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު "ސަން"އަށް ވިދާޅުވީ، ވާދޫގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ވަތް މީހަކު، ފޮއްޓަށް ގެއްލުންދީ ފަޅާލާފައިވާ ކަމަށެވެ.

އެކަމަކު، ވޯޓު ކަރުދާސްތަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާނަމަ، އެ ރަށުގައި ވެސް ވޯޓު ގުނުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅައިލާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގައި ހިމެނޭ މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންވެ، ފުލުހުން މިހާރު އަންނަނީ އެ ފޮށި ދޮށުގައި ހަރަކާތްތެރިވަމުންނެވެ.

"މައްސަލައާ ގުޅިގެން އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށް ގެންދިއައެވެ. އަދި، ވޯޓުލާން ދީފައިވާ ވަގުތު ފަހެއް ޖެހުމާ އެކު ހަމަވުމުން، މިހާރު ވަނީ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ތައްޔާރުވާން ފަށައިފައެވެ.

comment ކޮމެންޓް