ސިޓީތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގައި ސިޓީތަކުގައި އުޅޭ މީހުންގެ ޚިޔާލު ހޯދޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ގާއިމުކުރަންޖެހޭ ކަމަށް ކަނޑައަޅައި، ކައުންސިލްތަކުގެ ދާއިރާތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އުސޫލުގައިވާ ގޮތުން، ސިޓީތަކުގައި އިންތިޚާބީ ދާއިރާތައް ކަނޑައަޅަންވާނީ އިންތިޚާބީ ދާއިރާތަކުގެ އާބާދީ ވީ އެންމެ ބޮޑަށް ހަމަހަމަކުރެވޭނެ ގޮތުގެ މަތިންނެވެ.
އިންތިޚާބީ ދާއިރާތައް ކަނޑައަޅަންވާނީ އެ ސިޓީއެއްގެ އިޖުތިމާއީ ހަމަޖެހުމާއި އެއްބައިވަންތަކަން ނުގެއްލޭނެހެން ކަމަށް އުސޫލުގައިވެއެވެ. އެގޮތުން، ސިޓީއެއްގެ އަވަށެއްގައި އެއް އިންތިޚާބީ ދާއިރާއަށް ވުރެ ގިނަ އާބާދީ ކަނޑައަޅާފައިވާ ނަމަ، ޖެހިގެން ހުންނަ ސަރަހައްދުތައް ވަކި އިންތިޚާބީ ދާއިރާއެއް ގޮތުގައި ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ވެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ސިޓީތަކުގެ އިންތިޚާބީ ދާއިރާ ކަނޑައެޅުމަށްޓަކައި އެ ސިޓީތަކުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން އިލެކްޝަންސް ކޮމިޝަނުން ނިޒާމެއް ގާއިމްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އުސޫލުގައިވާ ގޮތުން ކޮންމެ ރަށަކީ އިންތިޚާބީ ދާއިރާއެކެވެ.
ހަމަ އެއާއެކު، ކައުންސިލް އިންތިޚާބުގެ ތިން މަސް ނުވަތަ ފަސް މަސް ކުރިން އެ ރަށެއް ނުވަތަ ސިޓީއެއްގެ ރަޖިސްޓްރީކޮށްފައިވާ އާބާދީ ހޯދައި އިލެކްޝަންސް ކޮމިޝަނަށް ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބުންޏެވެ.
މީގެ އިތުރުން، ސިޓީތަކަށް އިތުރުވާ އިންތިޚާބީ ދާއިރާތައް ކަނޑައަޅާނެ ގޮތެއް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އިންތިޚާބީ ދާއިރާއެއް ސިޓީއަކަށް އިތުރުކުރާނަމަ އެ ދާއިރާއެއް ކަނޑައަޅާނީ މޭޔަރު ނުހިމެނޭހެން، ސިޓީއެއްގެ ޖުމުލަ އާބާދީން ގެއްލުމުން ޖެހޭ އަދަދު، ދާއިރާއަކަށްވާ އެވްރެޖު އަދަދު އަސްލަކަށް ބަލައިގެންނެވެ.
އެގޮތަށް ކަނޑައަޅާ ދާއިރާތަކުގެ އެވްރެޖު އަދަދު، އިންތިޚާބީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ އަދަދަށް ވުރެ 25 ޕަސެންޓު އިތުރުވެގެން ވެސް ނުވަތަ މަދުވެގެން ވެސް ނުވާނެއެވެ.
މި އުސޫލުގައި އަންހެން ކައުންސިލަރުން ތިބެންޖެހޭ އަދަދާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނީ އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހެވެ.