ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)އަށް މުވައްޒަފުން ނެގުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ދައުލަތުގެ މީޑިއާއަށް ބުނީ އިންތިޚާބާ ދިމާކޮށް، އެ ކޮމިޝަނަށް ކޮންޓްރެކްޓު ސްޓާފުން ހޯދުމަށް، މާލެ ސަރަހައްދުގައި ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
އީސީން ބުނީ ފުރަތަމަ ވޯކް-އިން އިންޓަވިއު ބާއްވަނީ މިމަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކަމަށެވެ. އަދި ދެވަނަ ވޯކް-އިން އިންޓަވިއު ކުރިއަށް ގެންދާނީ 27 ވަނަ ދުވަހު ކަލާފާނު ސްކޫލުގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިންޓަވިއު އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 22:30 ކަމަށް އީސީން ބުންޏެވެ.
އިންޓަވިއުއަށް ހާޒިރުވާ ފަރާތްތަކުން އައިޑީ ކާޑާއި، ތަޢުލީމީ ސެޓްފިކެޓްގެ އިތުރުން ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކުން ވަގުތުން ފޯމު ހުށަހެޅުމާއެކު އިންޓަވިއުކޮށް، ޕްރެކްޓިކަލް ޓެސްޓް ހެދޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ.
އީސީއިން ބުނި ގޮތުގައި ކޮންޓްރެކްޓު މުވައްޒަފުންގެ ގޮތުގައި 172 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމުތަކަށް ހޮވޭ މީހުން މަސައްކަތް ކުރަން ޖެހޭނީ ކައުންސިލް އިންތިޚާބުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ.
މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތަކުގެ އިތުރުން އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން، ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހުއެވެ.