ވަގު ޓީޓީ މައްސަލަ: ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓައިފި

މއ. ހަނީސަކްލް1، ހުސައިން ޝިފާއު ---

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ދައުވާކޮށްފައިވާ މއ. ހަނީސަކްލް، ހުސައިން ޝިފާއު, ފިލައިގެން އުޅުމަށްފަހު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާން ކުރި ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލާގައި މިއަހަރުގެ އޭޕްރީލް މަހުގެ 28ގައި ހައްޔަރު ކުރިއެވެ.

ނަމަވެސް މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ މާޗު މަހުގެ 27ގައި ދޫކޮށްލިއެވެ. ހަމަ އެދުވަހު ޕީޖީން އެމައްސަލަ އިސްތިއުނާފުކުރި ނަމަވެސް، އެ މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައެވެ. އެއަށްފަހު އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް މިދިޔަ މަހު ވަނީ ނެރެފައެވެ.

ޕްރެސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 'ސަން' އަށް ބުނީ، ރެޑް ނޯޓިސް ނެރުމާއެކު އޭނާ އަމިއްލައަށް ރާއްޖެ އައި ކަމަށެވެ. އޭނާ އެނބުރި ރާއްޖެ އައުމާއެކު އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއް އޮތުމުން ހައްޔަރުކުރި ނަމަވެސް ފަހުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 ޑޮލަރު ކަމަށެވެ. އެއީ 1.9 މިލިއަން ރުފިޔާއެވެ.

ޝިފާއުގެ މައްޗަށް ޕީޖީން ވަނީ ޖުމުލަ 23 ދައުވާއެއްކޮށްފައެވެ. އެ ދައުވާތަކާ އެކު ޕީޖީން ވަނީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައެވެ.

ޝިފާއުގެ މައްޗަށްކޮށްފައިވާ ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ ހިމެނެއެވެ.

މި ދައުވާތައް އޭނާގެ ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

comment ކޮމެންޓް