ދެވަނަ ދައުރުގެ ފުރަތަމަ އަހަރު ޑޮލަރުގެ އަގު 15އިން ދަށްކުރަން މަސައްކަތް ފަށާނަން: ރައީސް

ރައީސް އައްޑޫގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރުގެ އެންމެ ފުރަތަަމަ އަހަރު ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 15 ރުފިޔާ ނުވަތަ އެއަށްވުރެ ހެޔޮކުރުމަށް ޓަކައި މަސައްކަތް ފައްޓަވާނެ ކަމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރުމަށް ހިތަދޫ އެމްޑީޕީ ޖަގަަހައިގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސްއާ ހަމައަށް އައްޑޫގެ ބައެއް ވިޔަފާރިވެރިންގެ ފަރާތުން ޑޮލަރު ލިބުމުގައި ދަތިވުމާއި އަގުބޮޑުކަމަށް ބުނެ ކަންބޮޑުވުންތަކެއް ވަނީ ހިއްސާކޮށްފައެވެ.

މި ކަމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ޑޮލަރު ހޯދުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް އެމްޑީޕީގެ ދެވަނަ ދައުރުގެ މެނިފެސްޓޯގައި ތަފްސީލީ ވާހަކަތަކެއް ހިމަނައިފައިވާނެކަމަށެވެ.

"އަޅުގަނޑުމެން މި ދައްކަނީ ރާއްޖޭގެ އިގްތިޞާދު ދެގުނަ ކުރާ ވާހަކަ. 82 ބިލިއަން ރުފިޔާއިން 170 ބިލިއަން ރުފިޔާއަށް ރާއްޖޭގެ އިގްތިޞާދު އިތުރުވެގެންދާނެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިޞާދު ދެގުނަ ވާއިރު އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ޑޮލަރުން ރާއްޖެއަށް ލިބޭ އާމްދަނީކަމަށެވެ. ހަ ބިލިއަނަަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭއިރު ޑޮލަރު ހޯދުމުގައި ދަތިވާންވީ އެއްވެސް ސަބަބެއް އޮންނާކަށް ނުޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަމަށް މުހިންމީ ރަނގަޅު ސިޔާސަތުތަކެއް ހުރުންކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ބޭނުންވާ މީހަކަށް ބޭނުންވާ ވަރަކަށް ރަނގަޅު އަގުގައި ޑޮލަރު ލިބޭނެ އުސޫލުތަކެއް އަޅުގަނޑުމެންނަށް ގާއިމްކުރެވެން ޖެހޭ. އަޅުގަނޑުމެންގެ މި ދައުރުގައި އަޅުގަނޑުމެން އެ މަސައްކަތް ފެށިން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެގޮތުން ފެށި އެއް ކަމަކީ ޑީޑޮލަރައިޒޭޝަންގެ މަސައްކަތް ކަމަށެވެ. އެއީ ރާއްޖޭގެ އެތެރޭގެ ހުރިހާ ވިޔަފާރި މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އައްޑޫގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރުން -- ފޮޓޯ/ އެމްޑީޕީ

އޭގެ މާނައަކީ ޑޮލަރު ލިބޭ މީހުން ވެސް އެ ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން ޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މީހުން ގަންނަ ހުރިހާ އެއްޗެއް ވެސް، ދޭ މުސާރަ ވެސް ދޭން ޖެހޭނީ ރުފިޔާއިން. ޓެކްސްއެއް ވިޔަސް ދައްކަން ޖެހޭނީ ރުފިޔާއިން. ހުރިހާ އެއްޗެއް ވެސް. އެހެން ކަމަށްވަންޏާ އެ ޑޮލަރު މާރުކުރަން ޖެހޭނެ ސަރުކާރަށް، ބޭންކްތަކަށް، އެމްއެމްއޭއިން ކަނޑައަޅައި އުސޫލަކުން،" ޑޮލަރު ބޭންކުތަކުގައި ހިފެހެއްޓޭނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެވަނަ ގޮތަކީ ރާއްޖެއަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް ރާއްޖޭގައި ހިފެހެއްޓުން ކަމަށެވެ.

"30 ޕަސެންޓު ނަމަވެސް ވަކި މުއްދަތަކަށް ރާއްޖޭގައި ބަހައްޓައިދޭށޭ. އެ ކަމަށް ގާތްގަނޑަކަށް އެއްބަސްވުމަކަަށް ވެސް އާދެވުނު. ބޭނުންވަނީ އިތުބާރު. އެ ޔަގީންކަން ވިޔަފާރިވެރިންނަށް ގާނޫނީ ގޮތުން ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.

އޭރުން ބޭރު އިންވެސްޓަރުން އިންވެސްޓުކުރަން އެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާ ވަގުތު އެ ލިބޭނެކަމުގެ ޔަގީންކަން އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޔަގީންކަން ދެވިއްޖެނަމަ އެއީ މައްސަލައެއް ނޫންކަމަށާއި 30 ޕަސެންޓް ހިފެހެއްޓިއްޖެނަމަ ވެސް ޑޮލަރުގެ އަގު 15 ރުފިޔާއަށް ދަށްވާނެކަން ޔަގީންވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަށް މި ވަންނަ ޑޮލަރުގެ 30 ޕަސެންޓް ރާއްޖޭގައި ހިފެހެއްޓުނުކަމަށްވީ ނަމަވެސް ޑޮލަރުގެ ރޭޓް 15 ރުފިޔާއަށްވުރެ ތިރިއަށް ގެންދެވޭނެކަމީ ހަމަ ޔަގީންކަމެއް،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ އެ ދެގޮތުން ކުރެ ކޮންމެވެސް އެއް ގޮތެއް އެއް އަހަރު ތެރޭ އެކަންކަން ތަންފީޒުކުރަން ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން ޑޮލަރު ލިބުމުގައާއި އަގު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫއަކީ ރާއްޖޭގައި ދެވަނަ އޮތް އެންމެ އާބާދީ ބޮޑު ސިޓީއެވެ. ގިނަ ވިޔަފާރިތަކެއް ހިންގާއިރު މި ސިޓީން ޑޮލަރު ނެގުމުގެ ޚިދުމަތް ނުލިބޭކަމުގެ ކަންބޮޑުވުން ވެސް މި ރަށުގެ ވިޔަފާރިވެރިން ފާޅުކުރެއެވެ.

އެ ކަމަށް ހައްލެއްގެ ގޮތުން މި ސިޓީގައި ޑޮލަރު އޭޓީއެމެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބީއެމްއެލްއާއެކީގައި މަޝްވަރާކޮށް އައްޑޫ ސިޓީން ޑޮލަރު ނެގޭނެ އިންތިޒާމް އޭޓީއެމެއްގެ ތެރެއިންް އެ ޚިދުމަތް ލިބޭނެ ގޮތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދިނުމަށް ބޭންކާއެކީ މަސައްކަތްކުރާނަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް