އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭއިން މިރޭ ނިންމި ނަމަވެސް އެމްޑީޕީގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު އެ ޕާޓީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރި އެމްޑީއޭގެ ގައުމީ ކައުންސިލުން މިރޭ ވަނީ އެ ކޯލިޝަން ރޫޅައިލަން ނިންމައިފައެވެ. އަދި، ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.
އެ ކަމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްވައި އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވަނީ ފުރަތަމަ ބުރުގެ ކެމްޕޭންގައި އެމްޑީއޭއިން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، އެ ކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.
"އެމްޑީޕީއަކީ އަބަދު ވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއް. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާނުލެވުނު އަޒުމު. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" އޭނާ ވިދާޅުވިއެވެ.
ދެވަނަ ބުރުގައި ތާއީދު ކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން މިރޭ އެމްޑީއޭއިން ބޭއްވި ކައުންސިލް ބައްދަލުވުމަށް ވަނީ ޖުމުލަ ތިން ގޮތެއް ހުށަހަޅައިފައެވެ. އެއީ، ރައީސް ޞާލިޙާ އެކު ކުރިއަށް ދިއުމާއި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމާއި އަދި އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި މުއިއްޒަށް ތާއީދު ކުރުމެވެ.
މިރޭގެ ބައްދަލުވުމުގައި ބައިވެރިވި، 37 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވީ މުއިއްޒަށް ތާއީދު ކުރުމަށެވެ. ރައީސް ޞާލިޙާ އެކު ކުރިއަށް ދާން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. ވަކި ޕާޓީއަކާ ނުގުޅި ހިމޭންވާން ތާއީދު ކުރީ ވެސް ދެ މެންބަރުންނެވެ.
އެމްޑީއޭއިން ބުނީ، އެ ޕާޓީން ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމީ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމު ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ސަރުކާރުގައި ހުރެ ރައީސް ޞާލިޙަށް ލިބިވަޑައިގެން ވޯޓަށް ވުރެ 15،000 އަށްވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވުމުން ރައްޔިތުންގެ ނިންމުން ސާފު ކަމަށް އެ ޕާޓީން ބުންޏެވެ. އެހެންވެ، ގައުމަށް ޚިދުމަތް ކުރެވޭނީ މުއިއްޒަށް ތާއީދު ކޮށްގެން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށެވެ.