ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މޯލްޑިވްސް ޑިވޮލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)އިން މިރޭ ނިންމައިފިއެވެ.
މި މަހު ނުވައެއްގައި އޮތް އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރި އެމްޑީއޭއިން ވަނީ ދެވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމަން މިރޭ އެ ޕާޓީގެ ގައުމީ ކައުންސިލް ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމަށް ވަނީ ޖުމުލަ ތިން ގޮތެއް ހުށަހަޅައިފައެވެ. އެއީ، ރައީސް ޞާލިޙާ އެކު ދެވަނަ ބުރުގައި ވެސް ކުރިއަށް ދިއުމާއި، ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރުމާއި އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް ތިބުމަށެވެ.
އެގޮތުން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި:
- އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާން ވޯޓުދެއްވީ ދެ ބޭފުޅުން
- ރައީސް ޞާލިޙާ އެކު ކުރިއަށްދާން ވޯޓު ދެއްވީ ދެ ބޭފުޅުން
- ޑރ. މުއިއްޒަށް ތާއީދު ކުރަން 33 މެންބަރުން ވޯޓުދެއްވި
ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގެ ނަތީޖާ އައި ގޮތުން، ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ވުރެ މާ ބޮޑު ތާއީދެއް ޑރ. މުއިއްޒަށް ލިބިވަޑައިގަތުމުން އެ ޕާޓީގެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ބޭފުޅުން ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް އެދިލެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ގިނަ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ، ފުރަތަމަ ބުރު ނިންމައި، ދެން ވެސް އެމްޑީޕީ ހަރަކާތްތެރިނުވުން ކަމަށް މައުރޫފް ވިދާޅުވިއެވެ.

މިރޭ އެމްޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
"އެއްބައި ބޭފުޅުން މި ވިދާޅުވީ މިހާރު ރައްޔިތުން މިއޮތީ ގޮތެއް ނިންމާފައޭ. އެއީ، ސަރުކާރު އޮވެ، ސަރުކާރާ އެކީގައި ކޯލިޝަނެއް ހެދި، އިދިކޮޅު ކެންޑިޑޭޓު 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދީމާ ދެން ރައްޔިތުން އާބަސް ބުނީ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ދެވަނަ ބުރުގައި އިތުރު އެއްވެސް ޕާޓީއަކުން ރައީސް ޞާލިޙާ އެކު ކޯލިޝަން ނުހެދުން ވެގެންދިޔައީ އިންތިޚާބު ކާމިޔާބު ކުރަން އޮތް ވަރަށް ބޮޑު ހުރަހެއް ކަމުގައެވެ. އަދި، މުއިއްޒަށް އޮތް ތާއީދު އިތުރަށް ބޮޑުވަމުންދާތަން ގިނަ ކައުންސިލް މެންބަރުންނަށް ފެނިވަޑައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ ބުރު ނިމުމާ އެކީގައި އެ ބޭފުޅުން ހަމަހިމޭންވި ހަމަހިމޭންވުން ވަރަށް ބޮޑަށް ފާހަގަ ކުރެއްވި. ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް 15 ދުވަސް ވަންދެން އެއްވެސް ހަރަކާތެއް ނުހިނގާ މިއޮތް ގޮތަށް އޮތުމަކީ އެއީ ޚުދު ބަލި ގަބޫލުކުރުން ކަމަށް ބައެއް ބޭފުޅުން ހިއްސާ ކުރެއްވި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީއޭ އުފެދުނީ ގައުމަށް ޚިދުމަތް ކުރުމަށް ކަމަށާއި އެހެންވެ، އެ ޕާޓީއަށް ގަބޫޅު ކުރެވުނީ، ގައުމީ ކައުންސިލުން އެހާ ބޮޑު ތަފާތަކުން މުއިއްޒާ އެކު ކޯލިޝަން ހަދަން ނިންމުމުން، ގައުމަށް ޚިދުމަތް ކުރަން ބޭނުންވާތީ، ކާމިޔާބުވާނެ ފަރާތަކާ އެކު ކޯލިޝަން ހަދަން ނިންމީ ކަމަށެވެ.