ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުން، އެކަމަށް ޒިންމާ ނަގާ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ރަށުން ބޭރުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ލަލީގާ މެޗުގައި އެތުލެޓިކޯ އަތުން ރެއާލް ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެންޗެލޮޓީ ބޭނުންކުރި ޓެކްޓިކްސްއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެ މެޗުގައި އެންޗެލޮޓީ ވަނީ ރެއާލްގެ ފުރަތަަމަ 11 އަށް ފަސް މިޑްފީލްޑަރަކު ނަގައިފައެވެ. އޭގެ ތެރެއިން އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބޭނުންކޮށްފައިވަނީ ރޮޑްރީގޯއާއެކު ފޯވަޑް ލައިނުގައެވެ. އެކަމާ ގުޅިގެން މިސީޒަނުގައި ބެލިންހަމް ދައްކަމުންދިޔަ އެންމެ ރަނގަޅު ކުޅުން އޭނާއަށް ދެއްކޭގޮތް ވަނީ ނުވެފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޮޓީ ބުނީ ރެއާލަށް ގޯސްތަކެއް ހެދުނު ކަމަށާއި އެގޮތުން އެޓީމުގެ ޑިފެންސަށް ގޯސްތަކެއް ހެދި، އެތުލެޓިކޯ އިން އޭގެ ފައިދާ ނެގި ކަމަށެވެ.
"އަހަރެމެންނަށް ރަނގަޅަށް މެޗު ފެށިފައެއް ނުވޭ. އެ ގޯސްތަކާއެކު އެތުލެޓިކޯ އިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދާފައި. އެތުލެޓިކޯ އިން ކުޅެމުންދިޔައީ އެޓީމުން ކުޅެން ބޭނުންވި ގޮތަށް. ރަނގަޅު ކުޅުމެއް ދެއްކީ ވެސް އެތުލެޓިކޯ އިން. ޓީމަށް ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ، އަހަރެން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ. އެ ފެނުނީ އަހަރެންގެ ގޯސް، ޒިންމާ ނަގަން،" އޭނާ ބުންޏެވެ.
އެންޗެލޮޓީ ބުނީ ޓީމުން ކުޅޭ ސިސްޓަމް ގޯސްވީ ނޫން ކަމަށާއި ޑިފެންސް ކުރަން ޖެހޭ ވަރަށް އެކަން ނުކުރެވުނީ ކަމަށެވެ. އަދި ކުޅެން ރޭވި ގޮތަށް ކުޅެވިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މެޗަށް ނުކުތް އިރު، ރެއާލަށް ދެ ޕޮއިންޓުގެ ލީޑަކާއެކު ލީގު ތާވަލުގެ އެއްވަނަ ލިބެން އޮތެވެ. ނަމަވެސް މެޗުން ބަލިވުމާ ގުޅިގެން ރެއާލް މިވަގުތު އޮތީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަދި ދެވަނައިގައި އޮތް ގިރޯނާއަށް، އެއިން ކޮންމެ ޓީމަކަށް ހަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި އެތުލެޓިކޯ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.