މި ފަހުން ޓިކްޓޮކު ބޭނުންކުރި ދިވެއްސަކަށް ވެއްޖެ ނަމަ މިއީ ސަމާލު ކަމަށް އައިސްފައިވާ ވީޑިއޯ އަކަށް ވެދާނެއެވެ. މި ވީޑިއޯ އާއެކު އެތައް ބައެއްގެ މެދުގައި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެއީ ބޭރުގެ މީހެއް ދިވެހި ކެއުންތަކެއް ޓެސްޓު ކުރާ ވީޑިއޯއެކެވެ.
ޓިކްޓޮކުން މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ "ޑރ ހޮބްސް" ދާދި ފަހުން އާންމުކުރި ވީޑިއޯ އަކާ ގުޅިގެން އޭނާއާ ދެކޮޅަށް ވަނީ ތަފާތު ސުވާލުތަކެއް އުފައްދާފައެވެ.
ޓިކްޓޮކުގެ އިތުރުން ޔޫޓިއުބްގައި ވެސް ބައި މިލިއަން ސަބްސްކްރައިބަރުންނާ ގާތްކުރާ ކޮންޓެންޓް ކްރިއޭޓާ ޑރ ހޮބްސް އަކީ ތަފާތު އެކި ކަހަލަ ކާއެއްޗެހި ޓެސްޓްކޮށް ރިވިއު ކުރާ މީހެކެވެ. އެކި ގައުމުތަކުގެ އުފެއްދުންތައް ކައި އެއަށް ކޮމެންޓް ކޮށް އެއާ މެދު ހިޔާލު ހިއްސާ ކުރުމަކީ އޭނާގެ ހުރިހާ ކޮންޓެންޓުތަކެވެ. އޭގެތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުގެ އެކި ކަހަލަ ކެއުންތަކަށް ބިނާކޮށް ޔޫޓިއުބްގައި އަދި ޓިކްޓޮކްގައި ވެސް ވަނީ ކޮންޓެންޓު އުފައްދާފައެވެ.
މީގެ ކުރީން ހޮބްސްގެ ކޮންޓެންޓުތަކަށް ފާޑު ކިޔުންތަކެއް ރައްދު ނުވި ނަމަވެސް މިފަހަރު ވެފައި މިއޮތީ ޓިކްޓޮކަށް ލީ ވީޑިއޯއަކާއެކުގައެވެ. މި ވީޑިއޯގައި އޭނާ ބުނަނީ އޭނާ ދިވެހި ކެއުންތަކެއް އަލަށް ކާ ވާހަކައެވެ. މިއީ ޓިކްޓޮކް ޔޫޒަރެއް އޭނާ ގާތުން އެދިފައިވަނިކޮށް އެކަމަށް ރައްދު ދެމުން އާންމުކުރި ވީޑިއޯ ޖަވާބެކެވެ.
ހައިރާން ވާ ކަމަކީ ހޮބްސް ކެއުމަށް ބޭނުން ކުރާ އެއްވެސް އެއްޗަކީ ދިވެހީންގެ ކެއުމުގެ ތެރެއިން ފެންނަ އެއްޗެއްސަށް ނުވާތީއެވެ. އަދި ކެއުމުގެ ތެރެއިން ފެންނަ އެއްޗެހި ދިވެހިން ކާ ގޮތަކާ އެއްގޮތަކަށް ވެސް ވައްތަރެއް ނޫނެވެ.
އޭނާ އެންމެ ފުރަތަމަ ޓެސްޓު ކުރަނީ މަސްހުންޏެވެ. މި މަސްހުނިން ފެންނަނީ ފިޔާ އަދި ދަޅު މަހުގެ އިތުރުން ބެލް ޕެޕާ އެވެ. މަސްހުނީގެ ހުނި އެއްވެސް ތަނަކުން ފެންނާކަށް ނެތެވެ.
ދިވެހި މަސް ރިހަ އާއި މަސްބަތްވެސް ހަމަ މިފަދައެވެ.
މިއާއެކު ދިވެހިން މުޅި ކޮމެންޓް ސެކްޝަން ފުރާލީއެވެ. އެތައް ބަޔަކު ބުނަނީ އެ މީހުންނަށް ދިވެހީން ކަން ވެސް އޮޅިއްޖެ ކަމަށެވެ. އަދި މި ދިވެހި ކެއުންތައް ހޯދި ގޮތަކާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މިއިން އެއްވެސް ކަމަކަށް ހޮބްސް އަދި ރައްދެއް ދީފައެއް ނުވެއެވެ.