ރީނދުލަކީ ޒަމާނުއްސުރެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ވަރަށް މުހިއްމު ބާވަތެކެވެ. އާއްމު ގޮތެއްގައި ރީނދޫ ބޭނުންކުރެވެނީ ތަފާތު އެކި ވައްތަރުގެ ހަވާދު ތައްޔާރުކުރުމުގެ އިތުރުން ސަގާފީ އެކި ބާވަތްބާވަތުގެ ބޭސް ތައްޔާރު ކުރުމަށެވެ. ދިވެހީންގެ ތެރޭގައި އާއްމުކޮށް ހަވާދު އުފެއްދުމުގެ އިތުރުން އެކި ވައްތަރުގެ ކެއުން ތައްޔާރުކުރުމަށް ވެސް ރީނދޫ ބޭނުންކުރެއެވެ.
ގިނަ ބަޔަކު ރީނދޫ ބޭނުން ކުރަނީ ވެސް އެއިން އަދަދު ނުކުރެވޭހާ ގިނަ ފައިދާތައް ލިބޭތީއެވެ.
ރީނދުލަކީ އާއްމުކޮށް އަޅުގަނޑުމެން ބޭނުންކުރާ ސްޕައިސެސްތަކުގެ ތެރެއިން އެންމެ ގިނަ ނިއުޓްރީޝަނަލް ސަޕްލިމަންޓްސް އޭގައި އެކުލެވޭ ބާވަތެވެ.
އަވައްޓެރި އިންޑިއާއަށް ބަލާލިކަމަށް ވިޔަސް އެ ޤައުމުގެ ރައްޔިތުން ރީނދޫ ބޭނުންކުރަމުން އަންނަތާ އެތައް ހާސް އަހަރުތަކެއް ވެފައިވާއިރު މިއީ އެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގައި އާއްމުކޮށް ބޭނުންކުރާ އެންމެ މުހިއްމު އެއް ބާވަތެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންގްޓަންއިން ތައުލީމު ހާސިކުރައްވާފައިވާ މެޑިކަލް އެޑްވައިޒަރު އަދި ރެޖިސްޓަޑް ޑައިޓީޝަން ނިއުޓްރީޝަނިސްޓް ޑޮކްޓަރު އިމާޝީ ފެނާންޑޯ ބުނެފައިވަނީ، ރީނދުލުގައި ހިމެނޭ މުހިންމު ކޮމްޕައުންޑެއް ކަމަށްވާ ކަރްކަމިންގެ ސަބަބުން އެއިން ލިބިދޭ ފައިދާތައް އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ.
ރީނދުލަކީ އޭގައި ވަރަށް ބާރުގަދަ އެންޓި-އިންފްލެމެންޓްރީ އެފެކްޓްސް ހިމެނޭ ބާވަތަކަށްވުމުން މިއީ ވަރަށް ވަރުގަދަ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ގަވާއިދުން ރީނދޫ ބޭނުންކުރާނަމަ ބަލިތަކުން ރައްކާތެރިކަން ހޯދައިދީ ޒުވާންކަންމަތީ ދެމިހުރުމަށް އެހީތެރިވާ ކަމަށް ވެސް ޑޮކްޓަރު އިމާޝީ ފެނާންޑޯ މުތާލިއާ ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.
ހަމައެއާއެކު ހަށިގަނޑުގައި އުފެދޭ ފެޓީ އެސިޑްތަކާ ހަނގުރާމަކޮށް ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސް ހޯދުމަށް ވެސް ރީނދުލަކީ އެހީތެރިވެދޭ ބާވަތެކެވެ. ރީނދުލުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމާއި، ކެންސަރު ބަލިން ރައްކާތެރިކަން ހޯދައިދިނުމުގެ އިތުރުން ޑިމެންޝިއާއިން ދުރުކޮށްދިނުން ހިމެނެއެވެ.
ރެޖިސްޓަޑް ޑައިޓީޝަން ނިއުޓްރީޝަނިސްޓް ޑޮކްޓަރު އިމާޝީ ފެނާންޑޯއާ ހަވާލާދީ ހެލްތްލައިންގައި ޕަބްލިޝްކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި ރީނދުލަކީ އާތުރައިޓިސްގެ ބަލި ތަހައްމަލުކުރާ މީހުންނަށް ވެސް ވަރަށް މުހިއްމު ފަރުވާއެކެވެ. ހަމައެއާ އެކު ޑިޕްރެޝަން އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ދިމާވާ ކުދިކުދި ބަލިތަކުން ރައްކާތެރިކަން ހޯދައިދިނުމަށް ވެސް ރީނދޫ ބޭނުންކުރުމުން އެހީއަކަށްވެއެވެ.
ބައެއް މީހުން ކެއުމުގައި ރީނދޫ ހިމަނާއިރު ތަފާތު އެކި ކަހަލަ ބުއިންތަކުގައި ވެސް ރީނދޫ މަތީ މިންވަރަކަށް ހިމަނައެވެ. އޭގެ ތެރޭގައި ރީނދޫ އަޅާފައި ތައްޔާރުކުރާ ކިރު، ރީނދޫ އަޅައިގެން ތައްޔާރުކުރާ ސައި އަދި މިހާރަކަށް އައިސް މަޝްހޫރު "ޓާމެރިކް ޝޮޓް" ހިމެނެއެވެ. ކުޑަކުޑަ ފުޅިއެއްގައި ހުންނަ މި ބުއިން އާއްމުކޮށް ބޭނުންކުރަނީ ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަކޮށް އިތުރު ބޫސްޓެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.