ވާވޭއިން މޭޓް 60 ސީރީޒްގެ ފޯންތަކާއެކު އާ އުފެއްދުންތަކެއް ތައާރަފުކޮށްފި

ވާވޭގެ މޭޓް 60 ސީރީޒްގެ ފޯންތައް --

ޗައިނާގެ އެންމެ ބޮޑު ޓެކް ކުންފުނި ވާވޭ ޓެކްނޮލޮޖީސްއިން އެކުންފުނީގެ އެންމެފަހުގެ ސްމާޓްފޯން ކަމުގައިވާ މޭޓް 60 ސީރީޒްގެ ފޯންތަކާއެކު އައު އުފެއްދުންތަކެއް ލޯންޗް ކޮށްފިއެވެ.

ވާވޭގެ މި ހަރަކާތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ގިނަ ބަޔަކު އުންމީދު ކުރީ އެ ކުންފުނީގެ އެންމެ ފަހުގެ މޭޓް 60 ސްމާޓްފޯން ސީރީޒްއާ ބެހޭ އިތުރު ތަފްސީލުތައް ހާމަވާނެ ކަމަށެވެ.

މިދިޔަ މަހު ވާވޭ އިން ވަނީ ޕްރީ މާކެޓިން އިވެންޓްތަކާ ނުލައި މޭޓް 60 ސްމާޓްފޯން ސީރީޒް ދައްކާލައިފައެވެ. ނަމަވެސް އެފޯނާ ބެހޭ މާބޮޑު ތަފުސީލެއް ރަސްމީކޮށް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ވާވޭގެ މޭޓްޕެޑް ޕްރޯ 13.2 --

އެކުންފުނީގެ ފަހުގެ މޭޓް 60 ޕްރޯއާ ބެހޭގޮތުން އެނަލިސްޓުން ބުނެފައިވަނީ މި ފޯނުގައި ޗައިނާގައި އުފައްދާފައިވާ ޗިޕެއް ހިމަނާފައިވާއިރު، 5ޖީގެ ސްޕީޑް ވަރަށް ފުރިހަމަ ކަމަށެވެ.

ވާވޭގެ މިއަދުގެ އިވެންޓްގައި އެކުންފުނީގެ ކޮންސިއުމާ ބިޒްނަސް ގްރޫޕްގެ ސީއީއޯ ޔޫ ޗެންގްޑޮންގް ވަނީ އެކުންފުނީގެ ފަހުގެ ޕްރޮޑަކްޓެއް ކަމުގައިވާ މޭޓްޕެޑް ޕްރޯ 13.2ގެ ނަމުގައި އާ ޓެބްލެޓެއް ތައާރަފު ކޮށްފައެވެ. މި ޓެބްލެޓަކީ ވާދަވެރި އުފެއްދުންތަކާ އަޅާބަލާއިރު ލުއި އަދި ތުނި ޓެބްލެޓެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޔޫ ވިދާޅުވީ ވީހާވެސް ގިނަ މޭޓް 60 ޕްރޯ ސްމާޓްފޯން އުފެއްދުމަށް އެ ކުންފުނިން ވަރަށް ބުރަކޮށް އަދި މިހާރުން މިހާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޭޓް 60 ސްމާޓްފޯން ސީރީޒްއާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް ޔޫ ވަނީ "އަލްޓިމޭޓް ޑިޒައިން" ގެ ނަމުގައި އާ އަލްޓްރާ ހައި އެންޑް ބްރޭންޑެއް ތައާރަފްކޮށްފައެވެ. މި ބްރޭންޑްގައި މޭޓް 60 އާރްއެސް ސްމާޓްފޯނާއި ގަޑި ފަދަ އުފެއްދުންތައް ހިމެނެއެވެ.

ވާވޭގެ 'އަލްޓިމޭޓް ޑިޒައިން' ބްރޭންޑުގެ ރަން ގަޑި ---

މި ހަރަކާތް ވާވޭގެ ފިހާރަތަކާއި ޗައިނާގެ މީޑިއާތަކުގެ އިތުރުން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލައިވްކޮށްފައިވެއެވެ.

މޭޓް 60 ސްމާޓްފޯން ސީރީޒަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ތައުރީފުކޮށްފައެވެ. އެގޮތުން އާ އުފެއްދުންތަކުން ދައްކުވައިދެނީ އެމެރިކާއިން ވާވޭއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަނެވިފައިވާކަން ކަމަށް އެ މީޑިއާއިން ވަނީ ބުނެފައެވެ.

އެމެރިކާއިން ވާވޭއާ ދެކޮޅަށް 2019 ވަނަ އަހަރު އެޅި ފިޔަވަޅުތަކާ ގުޅިގެން އެޑްވާންސްޑް ޗިޕް އުފެއްދުމުގެ މަސައްކަތަށް ހުރަސްއެޅި، ފޯނުގެ ވިޔަފާރިއަށް ގެއްލުން ލިބުނެވެ.

އެމެރިކާއިން އެ ފިޔަވަޅުތައް އަޅާފައިވަނީ އެމެރިކާގެ ކުންފުނިތަކުގެ ސިއްރުތައް ވަގަން ނެގުމާއި އެގައުމުގެ ބޭންކުތަކަށް އޮޅުވާލުމުގެ ތުހުމަތު ފަދަ އިތުރު ތުހުމަތުތަކެއް ކުރުމަށް ފަހުގައެވެ. ނަމަވެސް ވާވޭއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.

މި ހަރަކާތް ބާއްވާފައި މިވަނީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކެނެޑާއިން ވާވޭގެ ޗެއާވުމަން މެންގް ވަންޒޫ ހައްޔަރުކުރި ފަހުން އޭނާ އެނބުރި ޗައިނާއަށް ދިޔަތާ ދެ އަހަރު ފުރުމާ ދިމާކޮށެވެ.

ކެނެޑާއިން މެންގް ހައްޔަރުކުރީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ވާވޭއިން އެގައުމާ ވިޔަފާރި މުއާމަލާތްތައް ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

comment ކޮމެންޓް