މިއީ ވޯޓު ބާތިލުވާނެ ހާލަތްތައް، ސަމާލުވޭ!

ސެޕްޓެމްބަރު 9، 2023: ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވާމި އެންމެ ބޮޑު އެއް މައްސަލައަކީ ބާތިލް ވޯޓު ގިނަވުމެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު 2،82395 މީހުންނަށް ލިބިފައިވީއިރު، މީގެ ތެރެއިން 46,000އަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިނުވެއެވެ. އޭގެ ތެރެއިން 4،900އަށް ވުރެ ގިނަ ވޯޓު ވަނީ ބާތިލުވެފައެވެ.

ވޯޓުގައި ބާތިލް ވޯޓު ގިނަވުމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވެސް ލިބިފައިވާއިރު އެ ކޮމިޝަނުން އަންނަނީ އެ ކަމުގައި ވޯޓުލާ މީހުން އިސްކަންދޭންވީ ލާ ވޯޓަކީ ބާތިލްނުވާނެ ވޯޓެއްކަން ކަށަވަރުކުރުމަށް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

https://sun.mv/181991

މިކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް އައިސްފައިވާއިރު، އީސީންނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ވަނީ ވޯޓު ބާތިލުވާ ހާލަތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ.

ވޯޓު ބާތިލު ވާނެ ހާލަތްތައް:

  1. އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ކޮންމެ ވޯޓެއް.
  2. ގާނޫނާ ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
  3. އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިނުވާ ވޯޓު ކަރުދާސް.
  4. ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު.
  5. އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް.
  6. ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގައަށްވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް.
  7. ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަ ޖަހާފައިވާ ވޯޓު.
  8. ވޯޓުދޭ މީހާ ވޯޓުދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު.

ވޯޓު ސައްޙަ ވާނެ ހާލަތްތައް:

  1. އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.
  2. އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއް ކަމުގައި ދެނެގަނެވޭނެ ވޯޓު.
  3. ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަށް ޖަހާފައިވާ ނުވަތަ ފާހަގަ ޖެހުމުގައި ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރި ނަމަވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައިގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓު.
  4. ފާހަގަ ޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅީގައި ނޫން ނަމަވެސް އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ނުވަތަ އެއް ކެންޑިޑޭޓުގެ ނިޝާނުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު.

ސެޕްޓެމްބަރު 9، 2023: ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ގާނޫނު ބުނާ ގޮތުން ނަމަ ބާތިލު ވޯޓާއި ސައްޙަ ވޯޓު ކަނޑައަޅާނީ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ. އެގޮތުން ވޯޓު ގުނަން ތިބޭ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ، އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ބާތިލު ވޯޓެއް ނޫންކަން ވެސް ކަނޑައަޅާނީ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅިގެން ޝަކުވާ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގުނާތަނުގައި ތިބޭ ފަރާތްތަކަށް ލިބިގެން ވާނެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލު ވޯޓު ގިނަވުމާއެކު އެކަން ހައްލުކުރުމަށް އީސީން މިހާރު އަންނަނީ އިންތިޚާބުގެ ދެވަނަ ބުރަށް ތައްޔާރީތައް ވަމުންނެވެ. އެގޮތުން އެ ކޮމިޝަންގެ މުވައްޒަފުންނަށް އިތުރު ތަމްރީނުތަކެއް ވަނީ ދީފައެވެ.

https://sun.mv/182364

އަންނަ ހޮނިހުރު ދުވަހު ދެވަނަ ބުރުގެ ވޯޓުލާއިރު އެދުވަހުގެ ނިޔަލަށް 18އަހަރު ފުރޭ 409 ޒުވާނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓަށް އިތުރު ކޮށްފައެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ 2،82804 މީހުންނަށެވެ.

comment ކޮމެންޓް