ބާތިލް ވޯޓު މަދު ކުރުމަށް އިތުރު ޓްރެއިނިން ތަކެއް

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ެތރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބާތިލް ވޯޓު ގިނަވި މައްސަލަ ހައްލު ކުރުމަށް އެ ކޮމިޝަންގެ މުވައްޒަފުންނަށް އިތުރު ޓްރެއިނިން ތަކެއް މިހާރު ކުރިއަށް ގެންދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބަކީ ބާތިލް ވޯޓު ގިނަ އިންތިޚާބެކެވެ. އެކަން އިދިކޮޅުންނާއި ސަރުކާރުގެ އެކި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

ހަބީބް ވިދާޅުވީ، މިހާރު ޓްރެއިނިންތައް ކުރިއަށް ގެންދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި ޓްރެއިނިންތައް ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކު ވެސް ދެ ގްރޫޕެއް ގެނެސްގެން ހަތަރު ގަޑިއިރު ވަންދެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގަ މައިގަނޑު ގޮތެއްގަ އަޅުގަނޑުމެން ހަމަ ބާތިލް ވޯޓާ ސައްހަ ވޯޓުގެ މައުލޫމާތު އެބަ ދެން،" ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުރިހާ އެންމެނަށް ވެސް އިރުޝާދު ދެނީ އެއްގޮތަކަށް ކަމަށެވެ. އަދި ގާނޫނުގައި ވެސް އޮންނަނީ އެއް ގޮތަކަށް ކަމަށާއި ނަމަވެސް، ބާތިލް ވޯޓާއި ސައްހަ ވޯޓު ކަނޑައަޅަން ވުމުން ބައެއް ވެރިން އެކި ގޮތަށް އަމަލު ކޮށްފައި އެބަ ހުރި ކަމަށެވެ.

އެހެންކަމުން އެގޮތަށް ހުރި ކަންކަން ރަނގަޅު ކުރަން މިފަހަރު މަސައްކަތް ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ޓްވިޓާގައި މިފަހުން އުފަންވި "#ޓީމް ބާތިލް" ހަރަކާތާ ގުޅިގެން ހަބީބް ވިދާޅުވީ އެފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ.

"ބަޔަކު އެހެން ދައްކާ ވާހަކަތަކަށް ޖަވާބު ދޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑުމެނަކަށް އެކަމަށް ވަގުތެއް ވެސް ނެތް. އެއަށްވުރެ މާ ބިޒީކޮށް މި އުޅެނީ. ފުރަތަމަ ބުރުގެ ކަންކަމަށް ބަލާފަ ދެވަނަ ބުރު ރަނގަޅު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ހަބީބް ވިދާޅުވިއެވެ.

https://sun.mv/181991

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވީ 2،82395 މީހުންނަށެވެ. މި ލިސްޓަށް މިވަނީ މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 18އަހަރު ފުރޭ 408 ޒުވާނުން އިތުރު ކޮށްފައެވެ.

އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާނީ 2،82803 މީހުންނަށެވެ.

comment ކޮމެންޓް