މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުގައި ބާތިލް ވޯޓު ގިނަވުމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިފައިވާކަމަށާއި ނަމަވެސް އެ ކަމުގައި ވޯޓުލާ މީހުން އިސްކަންދޭންވީ ލައި ވޯޓަކީ ބާތިލްނުވާނެ ވޯޓެއްކަން ކަށަވަރުކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ބާތިލް ވޯޓު އިތުރުވުމުގެ ކަންބޮޑުވުމަކީ ބައެއް ސިޔާސީ ޕާޓީތަކާއި އިންތިޚާބު އޮބްޒާވްކުރި މިނިވަން މުއައްސަސާތަކުން ފާހަގަކުރި ކަންބޮޑުވުމެކެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް ވެސް ބާތިިލް ވޯޓާއި ސައްހަ ވޯޓާ ގުޅޭ ގިނަ ޝަކުވާތަކެއް ލިބިފައި އެބަހުރިކަމަށެވެ.
އެކި މަރުކަޒުތަކުގައި އެކި މިންގަނޑުތައް ބޭނުންކުރިކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ފާހަގަކުރި ކަންބޮޑުވުމާ ގުޅޭ ގޮތުން ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުރިހާ އޮފިޝަލުންނަށް ވެސް މައުލޫމާތު ދީފައިވާނީ އެއް ގޮތަކަށް ކަމަށެވެ.
"އިންސާނުން ވީމާ އެއް ކަމެއްކުރުމުގައި ހުރޭ ދެއްތޯ ތަފާތެއް. އެއް ކަމެއް ކުރާއިރު ވެސް ދެ ގޮތަކަށް ނުވަތަ ދެ ވައްޓަފާޅިއަކަށް ކަން ކޮށްފާނެ. އެހެންވީމާ ކޮމިޝަނުގެ އިންސްޓްރަކްޝަން ބާތިލް ވޯޓާމެދު ހުންނާނީ ސާފުކޮށް،" ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ ވީހާ ވެސް ސިއްރު އެއްޗަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. އެއީ ސިއްރު ވޯޓެއްގެ ބޭނުންކަމަށާއި އެ މަގްސަދު ހާސިލްނުވާހެން ފާހަގަ ފާޅުވާން ހުންނަ ނަމަ އެ ވޯޓެއް ބާތިލްވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
އެގޮތުން ވޯޓު ކަރުދާހުގައި ޖަހައި ފާހަގަ ފަވައިފައި ހުރުމުން ވޯޓު ކަރުދާސް ބާތިލްކޮށްފައި ހުރުމަަކީ މިފަހަރު ލިބުނު އެންމެ ބޮޑު އެއް ޝަކުވާކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުމުގެ ފުރަތަމަ ބުރުގައި ވޯޓު ކަރުދާސް ގުނަނީ -- ސަން ފޮޓޯ
ހަބީބް ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލޭފަދަ ގޮތަކަށް ވޯޓު އޮތްކަން ފޮށީގެ ވެރިޔާއަށް ފެންނަ ހިނދެއްގައި ބާތިލް ވޯޓެއްގެ ގޮތުގައި ނިންމުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
"ފަހުގެ ނިންމުން އޭނަ [ވޯޓު ފޮށީގެ ވެރިޔާ] މި ނިންމަނީ. ނިންމާއިރުގައި އޭނައަށް އެގޮތަށް ގަބޫލުކުރެވޭކަމުގައި ވަންޏާ އޭނާ އެގޮތަށް އަމަލުކޮށްފާނެ. އެކަމަކު ތަފާތު ގޮތަަކަށް އަމަލުކުރާކަށް ނުއެއްޖެހޭނެ،" ހަބީބް ވިދާޅުވިއެވެ.
އެއާއެކު އޭނާވަނީ ވޯޓުލާއިރު ޖަހައި ފާހަގައަކީ އެންމެ ފާހަގައަކަށް ހަދަން އިލްތިމާސްކޮށްފައެވެ. އެގޮތުން ފެވުމުގެ ބޭނުމެއް ނެތްކަމަށާއި އެންމެ ފާހަގައަކުން ފުދޭނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވެސް ވޯޓުލުމުގައި އަމަލުކުރަންވީ ގޮތުގެ ފުރިހަމަ މައުލޫމާތު ދެވިފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.
އެގޮތުން އެ މީހުން ވެސް ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ އެންމެ ފާހަގައަކަށް ހެދުމަށް ބާރު އަޅައިކަމަށް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުން އެހެން ވިދާޅުވާތީ ލޯފަން މީހުންނަށް ވެސް އަޅުގަނޑުމެން އިތުރަށް މައުލޫމާތު ދިނިން،" ހަބީބް ވިދާޅުވިއެވެ.
ވޯޓުގައި ދިމާވާ މައްސަލަތައް ޔަގީންކުރުމަަށް ޓަަކައި ކޮންމެ 10 ވޯޓުލައި މަރުކަޒަކަށް ކޯޑިނޭޓަރެއް ކަނޑައަޅައި، އެ ކޯޑިނޭޓަރު އިލެކްޝަންސް ކޮމިޝަންގެ ހެޑް ކޯޑިނޭޓަރަށް ރިޕޯޓުކުރުމުގެ އުސޫލަކަށް ވެސް އަމަލުކުރަމުން އަންނަކަމަށް ހަބީބް ވިދާޅުވިއެވެ.
އެ ކޯޑިނޭޓަރުންނާއެކު އިތުރަށް މަޝްވަރާކޮށް ވޯޓުުގައި އުފެދޭ ޚިޔާލު ތަފާތުވުންތައް ދެނެގަނެ، ދެވަނަ ބުރުގައި ބާތިލް ވޯޓު މަދުކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރާނެކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
މިއީ އެންމެ މަދުން ވޯޓުލާން މީހުން ނިކުތް ފަހަރަށްވީއިރު މި ފަަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި 4،000 އަށްވުރެ ގިނަ ވޯޓުވަނީ ބާތިލްވެފައެވެ.