ދުނިޔޭގެ ފުރަތަމަ 'ފްލޯޓިން' މިސްކިތް ދުބާއީގައި

ފްލޯޓިން ސިޓީ ހުންނާނެ ގޮތުގެ ކުރެހުމެއް -- ފޮޓޯ/ ނެޝަނަލް ނިއުސް ޔޫއޭއީ

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ދުނިޔޭގެ ފުރަތަމަ ފްލޯޓިން މިސްކިތުގެ މަޝްރޫއު އިފްތިތާހުކުރަން ތައްޔާރުވެއްޖެއެވެ.

ފަންސާސް ފަސް މިލިޔަން ދިރުހަމު ނުވަތަ 14 މިލިޔަން ޑޮލަރުގެ މިމަޝްރޫއުގެ މަސައްކަތް ނިންމައި އަންނަ އަހަރު މިސްކިތް ހުޅުވާނެކަމަށް ދުބާއީގެ އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓުން ވަނީ އިއުލާންކޮށްފައެވެ.

މި މިސްކިތުގައި ތިން ފަންގިފިލާ ހުންނާނެ ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ހުންނާނީ ނަމާދުކުރާ ބައިތައް ކަމަށާއި، އެބައި ހުންނާނީ ފެނުއަޑީގައި ކަމަށް ދުބާއީގެ އިސްލާމިކް ޑިޕާޓްމަންޓުން މައުލޫމާތުދެއެވެ.

ދެވަނަ ފަންގިފިލާއަކީ މަލްޓިޕާޕަސް ހޯލެއް ހުންނާނެ ކަމަށާއި، ތިންވަނަ ފަންގިފިލާއަކީ އިސްލާމިކް އެގްޒިބިޝަނެއް ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ.

މި މިސްކިތުގައި 50 އާއި 75އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އެޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.

ފްލޯޓިން މިސްކިތުގެ އެއް ފަންގިފިލާ ހަދާފައި ހުންނާނީ ފެނު އަޑީގައި: ފްލޯޓިން ސިޓީގެ ކުރެހުމެއް -- ފޮޓޯ/ ނެޝަނަލް ނިއުސް ޔޫއޭއީ

މި އަގުބޮޑު މަޝްރޫޢު އިއުލާންކުރައްވަމުން ދުބާއީގެ އިސްލާމިކް ޑިޕާޓްމަންޓްގެ ކަލްޗަރަލް ކޮމިއުނިކޭޝަން ކޮންސަލްޓަންޓް ވިދާޅުވީ، މިއީ އިސްލާމީ ފަތުރުވެރިކަން ކުރިއެރުވުމަށް އެޤައުމުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

މި މަޝްރޫއާއެކު ދުބާއީއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ތިނެއް ނޫނީ ހަތަރު އިންސައްތައަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިއީ 2025ގެ ނިޔަލަށް ދުބާއީއަކި އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ސިޓީއަށް ހެދުމަށް ޔޫއޭއީން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބާރުދޭނެ މަޝްރޫއެއްކަންވެސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް