އާއިލާގެ "ރޫޑް" ބަސްތަކަށް ރައްދު ދޭނީ ކިހިނެއް؟

އާއިލާގެ ބޮޑެތި އެއްވުންތަކާއި ބައްދަލުވުންތަކަކީ ގިނަ ބަޔަކު މާ ގަޔާވާ ކަންތައްތަކެއް ނޫނެވެ. ގިނަ ފަހަރަށް އެއްވުންތަކުގައި އާއިލާ މެމްބަރުންގެ ފަރާތުން ފާޑު ކިޔުންތަކާ އަޑު އަހަން ބޭނުން ނުވާ ރޫޑް ބަސްތައް އިވޭނެއެވެ. ނަމަވެސް މިކަމަށް ދޭނެ ރައްދުތަކެއް އެބަހުއްޓެވެ. ކަމާ ގުޅޭ މާހިރުންގެ ފަރާތުން މި ބަސްތަކަށް ދޭނެ ރައްދު އެބަހުއްޓެވެ.

އާއިލާގެ ބޮޑެތި އެއްވުން ތަކަށް ދާއިރު އެންމެ ގިނައިން ދައްކާނެ އެއް ވާހައަކީ މީހާގެ ހަށިގަނޑުގެ ވާހަކައެވެ. "ކީއްވެ މިހާރު އެހާ ހިކީ،؟" "ހާދަ ފަލައޭ މިހާރު ދޯ" އިން ފެށިގެން ހަމުގެ ކުލަ އަދި ބޮލުގެ އިސްތަށްޓަށް ދާންދެން އެކި ކަހަލަ ވާހަކަތައް ދައްކާނެއެވެ. މިއީ ގާތްގަނޑަކަށް ކޮންމެ މީހަކު ވެސް ކޮންމެވެސް އިރެއްގައި އަޑު އަހަން ޖެހިފައި ހުރި އެއްޗެއްސެވެ.

ނަމަވެސް ބައެއް ފަހަރު މިފަދަ ވާހަކަތަކަކީ އަޑު އަހަން މާ ފަސޭހަ އެއްޗެއްސެއް ނޫނެވެ. އަދި މި ރޫޑް ބަސްތަކުގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އޭގެ އަސަރު ކުރެއެވެ.

އެމެރިކާގެ ކަނެކްޓިކަޓްއަށް ނިސްބަތްވާ ސައިކޮލޮޖިސްޓް، ޑރ. ރޮޒީން ކަޕާން ހޮޖް ބުނާ ގޮތުގައި އާންމުކޮށް ރޫޑް ބަސްތައް އަޑުއަހަން ޖެހުމުން ނަތީޖާއެއްގެ ގޮތުން ރުޅި ގަދަވެ އެކަމަށް ބަހުގެ ހަމަލާ ރައްދު ދެވެއެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސު އެހެން މީހުން ފަރާތުން އަމިއްލަ މިންތަކެއް ނުވަތަ ބައުންޑްރީތަކެއް ސެޓު ކުރުން ވަރަށް މުހިއްމު ކަމަށް ހޮޖް ބުނެއެވެ.

ބައުންޑްރީ ސެޓު ކުރުމަކީ އަމިއްލައަށް ޒުވާބެއް ފަށަން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށް ހޮޖް ބުނެއެވެ. ނަމަވެސް އެއީ އަމިއްލަ ނަފްސަށް މުހިއްމު ކަމެއް ކަމަށާއި އެއީ ބުނަން ރަނގަޅު އަދި ބުނެގެން ނުވާނެ ބަސްތައް ހާމަކޮށްދޭ ކަމެއް ކަމުގައި އޭނާ އިތުރަށް ފާހަގަކުރެއެވެ.

"ބައްދަލުވުމަކަށް ދާއިރު އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ޕްލޭންއެއް ހެދުން. މި ޕްލޭންގައި ހިމަނަން ވީ އަޑު އަހަން ބޭނުން ނުވާނެ ފާޑު ކިޔުންތައް. ދެން މި ވާހަކަ ހިއްސާ ކުރަންވީ މީހަކު އެފަދަ އެއްޗެއް ބުނުމުގެ ކުރީން،" އޭނާ އިތުރަށް ކިޔައިދިނެވެ.

މި ވާހަކަތަކަކީ ކޮންމެހެން ސީރިއަސް ޓޯނެއްގައި ބުނަން ޖެހޭ ވާހަކަތެއް ނޫން ކަމަށްވެސް ހޮޖް ބުނެއެވެ. އެގޮތުން އާންމުކޮށް ދައްކާ ވާހަކަތަކުގެ ތެރެއަށް ޖޯކު ޖަހާލައިގެން ވާހަކަތައް ހިމަނަން ރަނގަޅު ކަމަށް ހޮޖް ބުނެއެވެ.

އެހެންވީމާ ދެން އޮތް އާއިލާ އެއްވުމަށް މީހާގެ ބަރުދަނާއި ހުންނަ ގޮތަށް ފާޑު ކިޔަން އުޅޭ ނަމަ އެކަން ހުއްޓުވަން ރަނގަޅު ވާނެއެވެ. މިއީ އަމިއްލަ ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލު ކުރަން ޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު