ބަރުލަމާނީ ނިޒާމުގެ ސިފަތައް މާދަމާ މަޖިލީހަށް ހުށަހަޅަނީ

ރައީސް މުޙައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރާނަމަ އެ ނިޒާމުގައި ހިމަނަން ފެންނަ ސިފަތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ނިޒާމާ ގުޅޭ ވޯޓު ނެގުމާ ގުޅުން ހުރި މަސައްކަތްތައް މަޖިލީހުން ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އެހެން ބާރުތަކާ މަޝްވަރާ ކުރާނެ ކަމަށާއި އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ހިމެނޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ވޯޓާ ގުޅުން ހުރި ދެ މަސައްކަތެއް މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އޭގެ ތެރޭގައި ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން އެކުލަވާލާ މައުލޫމާތު ކަރުދާހެއްގެ މަސައްކަތް ހިމެނޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ކަރުދާހަކީ މަޖިލީހުގެ ތަޅުމުން ވޯޓު ލިބި އެ އަޣުލަބިއްޔަތާ އެކުގައި ފެންނަ ނުފެންނަ ވޯޓުލުމަށް ފަހިކޮށްދޭނެ ކަރުދާހެއް،" ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު، ނިޒާމީ ވޯޓު ނަގާއިރު ކަރުދާސްކޮޅުގައި ލިޔެފައި އޮންނަ އިބާރާތްކޮޅު ވެސް މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއަށް ފަހު ނަޝީދު ވަނީ މައުލޫމާތު ކަރުދާހުގައި ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން ހިމަނާފައިވާ ސިފަތައް ފާހަގަކުރައްވާފައެވެ. އެގޮތުން މި ނިޒާމުގައި ހިމެނެނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރާ ބޮޑުވަޒީރަކާއި ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރާ ރައީސެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ނިޒާމުގައި ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސްވެރިޔާ ކަމަށްވާއިރު ރައީސަކީ ދައުލަތުގެ އެންމެ އިސް ވެރިޔާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ބަރުލަމާނީ ނިޒާމުގައި ހިމެނޭ އަސާސީ ބައެއް ސިފަތަކުގެ ތެރޭގައި:

1. ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި ދައުލަތް ހިންގުމުގެ ބާރު އޮންނާނީ އެއް ބާރު އަނެއް ބާރާ ގުޅިފައި. ވެރިކަން ހިންގުމުގެ ބާރު ލިބިގެންވާނީ ބޮޑުވަޒީރަށް، ގަނޫނު ހެދުމުގެ ބާރު މަޖިލީހަށް އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ޝަރުއީ ކޯޓުތަކަށް.

2. މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން އެ ދާއިރާއެއްގެ ރައްޔިތުން ބޭނުންވެއްޖެ ނަމަ ސިއްރު ވޯޓެއް ނެގޭނެ. އަދި އެ މެންބަރަކު އިންތިޚާބު ކުރުމަށް ލިބުނު ވޯޓުގެ 50 ޕަސެންޓް ވޯޓު ނުލިބޭނަމަ، އިތުބާރު ނެތް ކަމަށް ބަލައި މަގާމުން ދުރުކުރެވޭނެ.

3. ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް ހޮވުމަށް ފަހު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފި ނަމަވެސް ގޮނޑި ގެއްލޭނެ.

4. ބޮޑުވަޒީރާއި ވަޒީރުން ޖަވާބުދާރީ ވާން ޖެހޭނީ މަޖިލީހަށް.

5. ސުޕްރީޕް ކޯޓުގެ ފަނޑިޔާރުންނާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާނީ ރައީސް. ސުޕްރީމް ކޯޓު ފިޔަވައި ދެން ހުރި ކޯޓުތަކަށް ފަނޑިޔާރުން ކަނޑައަޅާނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރާނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން. ސުޕްރީމް ކޯޓު ފިޔަވައި ދެން ހުރި ކޯޓުތަކުގެ ފަނޑިޔާރުން ވަކިކުރާނީ ޖޭއެސްސީއަށް ގަބޫލުކުރެވިގެން، އެ ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމަށް ފަހު ފާސްކޮށްގެން.

ނަޝީދު އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެ ބޭފުޅުން ނިޒާމީ ވޯޓާ ބެހޭ ގޮތުންނާއި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެވަނަ ބުރުގައި ނަޝީދު، ރައީސަށް ތާއިދު ކުރުމަށް އެދިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/182368

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ، ދެވަނަ ބުރުގައި ތާއިދު ކުރުމަށް ރައީސް އެދިލައްވާފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ނިޒާމާ ގުޅޭ ގަރާރު މަޖިލީހުން ފާސްކުރީ އެމްޑީޕީ މެންބަރުންގެ ތާއިދާއެކުގައެވެ. އެ ވޯޓު ނަގަން މަޖިލީހުން އީސީއަށް އެންގުމުން، އެ ކޮމިޝަނުން ވަނީ ބަޖެޓު ލިބުމާއެކު ވޯޓުގެ ތައްޔާރީތައް ފެށޭނެ ކަމަށް ބުނެފައެވެ.

އެ ގަރާރު ފާސްކޮށް އީސީއަށް ފޮނުވުމުން އީސީން ވަނީ ވޯޓާ ގުޅުން ހުރި ބައެއް ކަންތައްތައް ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިފައެވެ. އޭގެ ތެރޭގައި، ނިޒާމީ ވޯޓުގައި އަހާނީ ކޮން ސުވާލެއްކަން އަންގައިދިނުމަށް އެދިފައި ވާނެ ކަަމަށް އީސީން ވަނީ އިއްޔެ ބުނެފައެވެ،

comment ކޮމެންޓް