ރައީސް ޞާލިޙުގެ ވެރިކަމެއްގައި ރާއްޖޭން އެންމެ ވެލިފުކެއް ވެސް ބޭރު މީހަކަށް ނުދޭނެ: ޝާހިދު

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމެއްގައި ރާއްޖޭގެ ބިމުން އެންމެ ވެލިފުކެއް ވެސް ބޭރު މީހަކަށް ނުދާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މާލޭގައި ކުރިއަށް ގެންދިޔަ "ސޯސަން ޖަގަހަ" ޖަލްސާގައި ޝާހިދު ވަނީ ޕީޕީއެމް/ޕީއެންސީގެ ފިތުނަ ދޮލަނގުގެ އެންމެ ކުރީގައި މި އޮންނަނީ އިންޑިއާ ކަމަށް ވިދާޅުވެ، އެ ވާހަތަކުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވާފައެވެ.

އެގޮތުން ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އަދި، ދެވަނަ ހެލިކޮޕްޓަރެއް 2016 ވަނަ އަހަރު ރާއްޖެ ގެނައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގަތީ އެ ދެ ހެލިކޮޕްޓަރުން ރާއްޖޭގެ އެތައް ރައްޔިތުންނަކަށް ޚިދުމަތް ދެމުން ދަނިކޮށް ކަމަށެވެ.

"އެހެންވީމަ މި ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސް ޞާލިހުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް. އޭގައި އަޅާފައި އޮތް ސޮޔެއް އަޅާފައި އޮތީ ކުރީގެ ސަރުކާރު ތަކުން. އަދި ހަމަ އެއާއެކު އެ ސަރުކާރުތަކުން ވެސް އެކަން ކޮށްފައިވަނީ ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުމެއް ނުވާނޭ ގޮތުގެ މަތީން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުވި ޕޮލިސް އެކަޑެމީ ފަރުމާކޮށްފައި ވަނީ، އިންޑިއާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ކަމަށް ބުނެ އައްޑޫ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން އިދިކޮޅުން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް އެއްވެސް ސިފައެއްގައި އިންޑިއާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިއާ ސިފައިން ވެސް އެ މަރުކަޒުގައި ނުތިބޭނެ ކަމަށާއި އެ ތަނުގެ ފުރިހަމަ ބޭނުން މިއަދު ހިފަމުން އެ ގެންދަނީ ދިވެހި ފުލުހުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެ ތަނުގައި އިންޑިއާ ސިފައިންނެއް ނެތް. އެ ތަނަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ނޫން. މި ހެދި ރޯ ބުހުތާނު ދޮގުތައް ރައްޔިތުންގެ ކުރިމަތީގަ އެ އޮތީ ސާފުކޮށް އެގެން،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއާ އެކު 2016 ގައި ޑިފެންސް އެކްޝަން ޕްލޭނެއް އެކުލަވާލާ ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު އެއްބަސްވެ، ސޮއި ކުރެެއްވީ ރައީސް ޔާމީން އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އޭނާ ކަމަށެވެ.

"އެގޮތަށް އެކަން ހިނގާފައި އޮއްވާ މި ސަރުކާރުން އިތުރަށް އެ އެއްބަސްވުން ދިރާސާ ކޮށްފައި އެ އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ވާނީ އުނިކޮށް އެތަނަކީ ރާއްޖޭގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަދާފައި. މިހާރު ބިނާ ކުރަމުން އެ ގެންދަނީ ކޯސްޓް ގާޑު ބަނދަރެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ޕީޕީއެމް/ޕީއެންސީން ފަތުރަމުން އަންނަ ދޮގުތަކުގައި ރައްޔިތުން ނުޖެހި ސަލާމަތުން ތިބުމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ނަގާލަން ރާވައި ގައުމުގެ ބިންތަކާއި ކަނޑުތަކާއި އަތޮޅުތަކާއި ރަށްރަށް ވަކިވަކީން ބޭރު މީހުންނަށް މިލްކު ކުރެވޭނެގޮތަށް ވިއްކާލަން ޤާނޫނު އަސާސީއަށް ބަދަލު ގެންނާން އުޅުނީ ވެސް ޕީޕީއެމް/ޕީއެންސީން ކަމަށެވެ. އަދި، ދިވެހި ރައްޔިތުންގެ ހިތުން އެ ހަދާންތައް ދުވަހަކު ވެސް ފިލައިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވި ގާސިމް އބްރާހީމްގެ ކެންޕޭންގައި ބައިވެރިވި ގިނަ އަދަދެއްގެ ބޭފުޅުން ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމެވިކަން ހާމަ ކުރައްވާ ޝާހިދު ވިދާޅުވީ މި ފެންނަނީ ހެޔޮ ވިސްނޭ ރައްޔިތުން ބޮޑުފަޅިއަށް އަރައި މަންޒަރު ކަމަށެވެ.

"މި ފެންނަނީ ބޮޑުވަޅި ބޮޑުވަމުންދާ ތަން. މި ފެންނަނީ މުޅި ރާއްޖެ އެއްފަރާތަށް އަރައި އުފާވެރި އަމާން ރާއްޖެއަކަށް އަޅުގަނޑުމެން ކުރަމުން މި ގެންދާ ދަތުރުގެ ރިޔަލުގައި ރަނގަޅަށް ވައި ހިފަމުންދާ ތަން،" ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ލިބެން އޮތީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށާއި އެހެންވެ، ހިނގަމުން މި އަންނަ ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހުރިހާ ރައްޔިތުން އެއް ރޫހެއްގައި ނުކުމެ، ރައީސް ޞާލިޙަށް ވޯޓު ދެއްވުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް