އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގެން އަމީން ހަނދާންކުރެއްވީ ޔާމީން ސަރުކާރުގެ އަނިޔާވެރިކަން

އެމްޑީޕީން ސޯސަން ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި އަމީން ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި ޑރ. އަމީން އިބްރާހީމް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ތާއީދުކުރައްވާ އެމްޑީޕީގެ ޕޯޑިއަމްގައި މިރޭ ހަނދާން އާ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ އަނިޔާވެރިކަމެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 2.48 ޕަސެންޓު ވޯޓު ހޯދި ޖުމްހޫރީ ޕާޓީން ނިންމީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

އެއަށްފަހު މިރޭ އަމީންއާއެކު އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމާފައެވެ.

އެމްޑީޕީން ސޯސަން ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ރައީސް ޞާލިޙަށް ތާއީދުކުރައްވާ މިރޭ އެތަނަށް އެ ވަޑައިގަތީ އަލުން އަނބުރާ ޔާމީން ސަރުކާރުގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ދާން ބޭނުން ނުވާތީ ކަމަށެވެ. އަދި އެކަން ވާން އޮތީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށް އަމީން ވިދާޅުވިއެވެ.

"ބިރުވެރިކަމާއި ނާމާންކަމަށް ދާކަށް ބޭނުމެއް ނޫން. ދެކަމެއް މި ޕޯޑިއަމަށް މި ގެނައީ. ގާސިމްއާއެކު ޕާޓީގެ ހައިސިއްޔަތުން އެއްވެސް ކޮޅަކަށް ނާރާނަން. އެހެންނަމަވެސް އޭގެ ފަހުން ކަންކަން ބަދަލުވަމުން އެނބުރެމުން އައިގޮތުން އެހެން ވިސްނުމަކަށް ދާން ޖެހޭ،" އަމީން ވިދާޅުވިއެވެ.

އެމްޑީޕީން ސޯސަން ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ޕޯޑިއަމަކަށް އޭނާއަކީ އާ މީހެއް ނޫންކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ، ކުރިއަށް އޮތް މަދު ދުވަސްކޮޅު ތެރޭ މަސައްކަތް ކުރަންޖެހޭނީ އަލުން އަނބުރާ އެ އަނިޔާވެރިކަމަށް މި ގައުމު ގެންދިޔުމުން ސަލާމަތްކުކުރުމަށް ކަމަށެވެ.

"ހެޔޮ ބަދަލު ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ، އިރާދުކުރެއްވިއްޔާ ކާމިޔާބު ހޯދާނަން،" އަމީން ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީއަށް ލިބުނު ވޯޓަށް އިޝާރާތްކުރައްވާ އަމީން ވަނީ އެ ޕާޓީގައި މީހުން މަދު ނޫން ކަމަށް ވިދާޅުވެ ލިބުނު ވޯޓަށް ނުބެލުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން ޕާޓީން މިރޭ ގިނަ ބަޔަކު މިވަނީ މިތަނަށް އައިސް ރައީސް ޞާލިޙަށް ތާއީދުކުރައްވާފަ. އަޅުގަނޑުމެންގެ ޕާޓީ ބައްޔެއް ނޫން މަދެއް ނޫން. ލިބުނު ވޯޓުން ތިބޭފުޅުން އަދަދު ނުޖައްސަވާތި،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް