ހދ. އަތޮޅު ކައުންސިލްގެ ރައީސް އެމްޑީޕީ ދޫކުރައްވައި، ޕީޕީއެމްއަށް

ދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ޕީޕީއެމްއަށް ސޮއި ކުރެއްވުން -- ފޮޓޯ/ ޕީޕީއެމް

ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖް އެމްޑީޕީ ދޫކުރައްވައި، ރޭ ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.

އޭނާ ޕީޕީއެމްއަށް ސޮއި ކުރެއްވީ ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިންނެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ މުއިއްޒުގެ އިތުރުން، ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.

ސިރާޖްގެ އިތުރުން އެ ރަށުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވެސް ރޭ ވަނީ ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.

ސިރާޖު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، އެމްޑީޕީ ދޫކޮށް ޕީޕީއެމްއާ ގުޅެން ނިންމީ ރައްޔިތުންނަށް ވައުދުވި ތަރައްގީ ގެނެސްދިނުމަށް ސަރުކާރުން އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

އެގޮތުން އަތޮޅު ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑަށް އަތޮޅުގެ ރައްޔިތުންނަށް ކަމެއް ނުކޮށްދެންޏާ އަޅުގަނޑު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް. އެއީ އަޅުގަނޑު ކަންތައްތަކެއް ކޮށްދޭނަމޭ ކިޔާފަ އައިއްސަ އެކަންކަން ނުކޮށްދެވުނީމަ، އަޅުގަނޑު މިތާ ހުރެއްޖެއްޔާ އަޅުގަނޑުގެ ވަރަށް ބޮޑު ފެއިލިއާއެއް އެއީ،" އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ، އޭނާ ބޭނުންވީ ސަރުކާރުން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަން ކަމަށެވެ. ނަމަވެސް އެ މަންޒަރު ނުފެންނާތީ ހިތާމަ ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް