އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މަޝްވަރާކޮށްފައި އޮތީ އަންނަ މަހުގެ 29ގައި ނިޒާމާ ގުޅޭ ވޯޓު ނަގަން ކަމަށާއި ބަޖެޓު ލިބުމާއެކު ވޯޓާ ގުޅުން ހުރި މަސައްކަތްތައް ފެށޭނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އީސީން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުއާދު ވިދާޅުވީ އެ ވޯޓަށް ބޭނުންވާ ބަޖެޓު ލިބިއްޖެ ނަމަ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރި ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ.
"އިއްޔެގަވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ނިޒާމީ ވޯޓެއް ނަގާ ކަމަށްވަންޏާ އެ ފޮލޯ ކުރަން ތަބާވާން ޖެހޭ ގާނޫނެއް ނެތީމަ ގަވާއިދެއް ހަދާ އެއާ ބެހޭ ގޮތުން މަޝްވަރާކުރުމުގައި،" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ މަޖިލީހުން ނުވަތަ ރައީސް އަންގަވައިފިއްޔާ ގާނޫނުގައިވާ ގޮތުގެ މަތިން ނިޒާމީ ވޯޓު ނަގާނެ ކަމަށެވެ.
"މިވަގުތު މިއޮތް ވަގުތުކޮޅަކީ ބައެއް ބޭފުޅުން ވިދާޅުވޭ އެހާ އެކަށީގެންވާ ވަގުތެއްތޯ ވެސް ދެން އެހެން ނަަމަވެސް ވަގުތު އޮތް މިންވަރަކުން އެކަން ކުރުން އަޅުގަނޑުމެންގެ ނިޔަތަކަށް އޮތީ،" ފުއާދު ވިދާޅުވިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ނިޒާމީ ވޯޓު މި މުއްދަތުގައި ނަގަން މަސައްކަތް ކުރި ނަމަވެސް، އީސީން މަޖިލީހުގައި އެދިފައިވާ މައުލޫމާތާއި ވޯޓުލާ މީހުން ރެޖިސްޓް އެކުލަވާލުމަށާއި ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މުއްދަތެއް ލިބެން ޖެހޭ ކަމަށެވެ.
"ބަޖެޓު ނުލިބިއްޖެއްޔާ އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، މަޖިލީހުން ސާފުކޮށްދޭން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ނިޒާމީ ވޯޓެއް ނަގާއިރު، ވޯޓުން އަހާ ސުވާލަކީ ކޮބައިކަން އަންގައިދޭން އެދިފައިވާ ކަމަށެވެ.
"އެ ސުވާލެއް އަޅުގަނޑުމެންނަށް ނެތް ލިބިފައެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު ދަންނަވާފަ އޮންނާނެ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ގާތުގައި އިލެކްޝަަންސް ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ. އެ ސުވާލު ކޮބައިތޯ، އެ ސުވާލު ފޮނުއްވާދޭށޭ އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ،" ހަބީބު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މިދިޔަ ބުދަ ދުވަހު އެ ގަރާރު ފާސްކުރީ މަޖިލީހުގެ 35 މެމްބަރުންގެ ތާއިދާއެކުގައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަކާލާތު ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.