ހުޅުމާލޭގައި "އާބަން ގްލައިޑް"ގެ ނަމުގައި އީ-ސްކޫޓާ ސެންޓަރެއް އާބަންކޯއިން ތައާރަފްކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަދާފައިވާ އާބަން ގްލައިޑް ސެންޓަރަކީ، އީ-ސްކޫޓާ ނުވަތަ ކޮޅަށް ހުރެ ދުއްވާ ބެޓެރި ސައިކަލު ދުއްވޭ ގޮތަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަދާފައިވާ ތަނެކެވެ.
އާބަންކޯއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ސެންޓަރު އާންމުނަށް ހުޅުވައިލާނެ ކަމަށެވެ.
އެ ސެންޓަރުގައި، އީ-ސްކޫޓަރ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެ ތަނުގައި ވަނީ ހަތަރު އީ-ސްކޫޓާ ބަހައްޓާފައެވެ. މި ސްކޫޓާތައް ދުއްވަން ބޭނުންނާ ކޮންމެ މީހަކަށް ދުއްވޭނެއެވެ.

ހުޅުމާލޭގައި "އާބަން ގްލައިޑް"ގެ ނަމުގައި އަލަށް ތައާރަފްކުރި އީ-ސްކޫޓާ ހައުސިން ޑިވެލޮޕްމަންޓް-- ސަން ފޮޓޯ/ މުހައްމަދު މާވީ
އާބަންކޯއިން ބުނީ މި ސްކޫޓާތައް ދުއްވަން ބޭނުން ނަމަ އެންމެ ފުރަތަމަ ޖެހޭނީ "އާބަން ގްލައިޑް" އެޕްލިކޭޝަން އަޅައި ރަޖިސްޓްރީވާން ކަމަށެވެ.
އަދި، އެކަމަށް ތަރުހީބު ލިބޭވަރަކުން އިތުރު ސްކޫޓަރުތައް އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. މިހާރުން ފެށިގެން މި ޕްރޮޖެކްޓް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ އެކަންކަން ކުރަމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
އީ-ސްކޫޓަރުތައް ގާއިމްކޮށްފައި ވަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. އެ ސްޓޭޝަންތަކުން މި ސްކޫޓަރުތައް ޗާޖު ކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސާފައެވެ.

ހުޅުމާލޭގައި "އާބަން ގްލައިޑް"ގެ ނަމުގައި އަލަށް ތައާރަފްކުރި އީ-ސްކޫޓާ ހައުސިން ޑިވެލޮޕްމަންޓް-- ސަން ފޮޓޯ/ މުހައްމަދު މާވީ
އެ ސްކޫޓަރުތައް ދުއްވުމަށް ވަކި ސަރަހައްދުތަކެއް މަގުތަކުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އީ-ސްކޫޓަރު ދުއްވާނެ ސަރަހައްދު އެނގޭނެހެން މަގުތަކުގައި ނޫކުލައިގެ ރޮގަކުން ފާހަގަކޮށްފައިވެއެވެ.
"އީ-ސްކޫޓަރު ދުއްވާއިރު ފާހަގަކޮށްފައިވާ އެ ސަރަހައްދުން ބޭރަށް ނިކުމެއްޖެނަމަ އެލާމް އަޅައި، ހުއްޓޭނެ. މި ސްކޫޓަރު ދުއްވާއިރު އާބަންކޯއިން މިކަމަށް ކަނޑައަޅާފައިވާ ހާއްސަ ސެންޓަރަށް މި ސްކޫޓަރުތަކުގެ މޫވްމެންޓް ފެންނާނެ،" އާބަންކޯއިން ބުންޏެވެ.