ކުލި ނުދެއްކުމުގެ ސަބަބުން ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް ހުޅުމާލޭގައި ހިންގަމުން އަންނަ ރިވެލި ރެސްޓޯރެންޓު ހިންގާ ބިން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ނަގައިފިއެވެ.
އެޗްޑީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައި ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަަށް ނެގުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
އެހެންކަމުން މިއަދުން ފެށިގެން ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެޗްޑީސީއިން ބުނީ އެ ނިންމުން އެ ކޯޕަރޭޝަނުން ނިންމާފައި ވަނީ، ކުލި ނުދައްކައި ދިގު މުއަދަތެއްވެފައި ވުމުން ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދީފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީއިން ބުނީ އެ ނިންމުމަކީ އާންމުންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުންނަ ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓަކީ އަތިރިމަތީގައި މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުންނަ އާންމުންގެ މެދުގައި މަގުބޫލު ރެސްޓޯރެންޓެކެވެ. އިންޑޯ އަދި އައުޓްދޯގައި ތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ ރެސްޓޯރެންޓަކީ ރޮމޭންޓިކް ޑިނާތަކުގެ އިތުރުން ކައިވެނީގެ ހަފުލާތަކަށްވެސް ދޫކުރާ ތަނެކެވެ.