ބޭނުންކުރާ ވަރު ގިނަ ވިޔަސް ކަރަންޓު ފީގެ ރޭޓު މަތި ނުކުރަން ނިންމައިފި

މިރޭގެ ކެންޕޭނު ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

އާންމު ގޭގޭގެ ކަރަންޓު ފީ ހިސާބު ކުރުމުގައި ބޭނުންކުރާ ބޭންޑު ތަކުގެ ބަދަލުގައި، ފްލެޓު ރޭޓެއް ބޭނުންކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މިރޭ މާވެޔޮ މަގުގައި ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގޭގެއަށް ހިންގެވުމުން އެންމެ ގިނައިން އިވި ވަޑައިގަންނަވާ ޝަކުވާއަކީ، ލިބޭ މުސާރައިން ބިލުތައް ދައްކާފައި ބާކީ އެއްޗެއް ނޯންނަ ކަމުގެ ޝަކުވާ ކަމަށެވެ.

އެގޮތުން ކަރަންޓު ބިލަށް ލުއި ދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފްލެޓް ރޭޓެއްގައި ކަރަންޓު ފީ ދިނުމަށް ނިންމެވީ އެކަމަށް ލުއި ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއަކު ވެސް ކަރަންޓޫ ރޭޓު، ފްލެޓު ރޭޓަކުން ނަގާ ގޮތަށް"

"ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރިއަސް، އެ ބޮޑުވާ ނިސްބަތް ބޮޑު ވެގެންނެއް ނުދާނެ،" ރައީސް ވިދާޅުވިއެވެ.

ރަައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެންޕޭނުގެ ތެރެއިން އަންނަނީ މާލޭގެ ގޭގެޔަށް ދޮރުން ދޮރަށް ހިންގަވަމުންނެވެ. އެގޮތަށް ހިންގަވާއިރު ގޭގެއިން ލިބޭ ޝަކުވާތަކުގެ މައްޗަށް ބިނާކޮށް އަންނަނީ އެކި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ.

comment ކޮމެންޓް