އީރާނާއި ރަޝިއާގެ ގުޅުންތައް މިހާރުއޮތީ ވަރަށް މަތީފެންވަރަކަށް ތަރައްގީވެފައި: ރަޝިއާގެ ދިފާއީ ވަޒީރު

ރަޝިއާއާއި އީރާނުގެ ދިފާއީ ވަޒީރުން

ތެހެރާން (21 ސެޕްޓެމްބަރު 2023): އީރާނާއި ރަޝިއާގެ ގުޅުންތައް މިހާރުއޮތީ ވަރަށް މަތީފެންވަރަކަށް ތަރައްގީވެ އިތުބާރު އުފެދިފައިކަމަށާއި ދެގައުމު ގުޅިގެން ސިނާއީ ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާކަމަށް ރަޝިއާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޯ ވިދާޅުވެއްޖެއެވެ.

އީރާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އީރާނުގެ ދިފާއީ ވަޒީރު މުހައްމަދު ރިޟާ އަޝްތިޔާނީއާ ބައްދަލުކުރެއްވުމަށްފަހު ޝޮއިގޯ ވިދާޅުވީ މީގެ ކުރިން އީރާނާއި ރަޝިއާގެ ގުޅުންތައް ބަދަހިނުވާ މިންވަރަށް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދެގައުމުގެ ގުޅުންތައް ބަދަހިވެފައިވާ ކަމުގައެވެ.

އީރާނާއި ރަޝިއާގެ ގުޅުންތައް ސްޓްރެޓީޖިކް ލެވެލްއަށް ބަދަހިވެގެން ދިޔައީ ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކުޑަކުރުމުގައި އީރާނާ ގުޅުންތައް ބަދަހިކުރުމަކީ ރަޝިއާއަށް މުހިއްމު ކަމެއްކަމަށްވާއިރު އީރާނަކީވެސް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަހައްމަލުކުރާ ގައުމަކަށްވާތީ ރަޝިއާއާ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަކީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އީރާނަށްވެސް ކުޑަވެގެންދާ ކަމެކެވެ.

އަނެއްކޮޅުން އީރާނުގެ ވައިގެ ބާރުތައް ޒަމާނީ ކުރުމަށްޓަކައި ރަޝިއާގެ އެންމެ ޒަމާނީ ފައިޓާޖެޓް ކަމަށްވާ އެސް 35 މަރުކާގެ ފައިޓާ ޖެޓް އީރާނަށް ބޭނުންވާއިރު ޔުކްރެއިން ހަނގުރާމައިގާ ބޭނުން ކުރުމަށްޓަކައި އީރާނުގައި އުފައްދާ އެކި ބާވަތުގެ ޑްރޯން ރަޝިއާއަށް ބޭނުންވެއެވެ.

އީރާނާއި ރަޝިއާގެ ދިފާއީ ވަޒީރުން ތެހެރާންގައި ބައްދަލުކުރައްވަނީ

އީރާންވަނީ ރަޝިއާއަށް އެތައް ހާސް ޑްރޯނެއް ފޯރުކޮށްދީފައިކަމަށް ހުޅަނގުގެ ރިޕޯޓްތައް ބުނެއެވެ. އަނެއްކޮޅުން އީރާނުގެ އަމިއްލަ ޓެކްނޮލޮޖީގައި އީރާން ގެންދަނީ ޑްރޯން އުފައްދާ ކާރުޚާނާއެއްވެސް ރަޝިއާގައި ބިނާކުރަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެބަދަލުގައި އީރާން ގެންދަނީ އެ ގައުމަށް ޚާއްސަ ފައިޓަރ ޖެޓް މަރުކާއެއް އުފެއްދުމަށްޓަކައި ރަޝިއާގެ ޖެޓް ޓެކްނޮލޮޖީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ރަޝިއާ އަކީ ހަނގުރާމަ މަތީ ޖެޓް އުފެއްދުމުގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ގައުމެކެވެ.

މީގެއިތުރުން ރަޝިއާއިން ފަޒާގެ ޓެކްނޮލޮޖީ ހޯދުމަށްވެސް އީރާން ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރަޝިއާއަކީ ފަޒާގެ ޓެކްނޮލޮޖީގައިވެސް ދުނިޔޭގެ އެކެއް ނުވަތަ ދޭއް ގައި ހިމެނޭ ގައުމެކެވެ. ފަޒާގައި އަމިއްލަ ސްޓޭޝަން ބިނާކުރުމުގެ ގާބިލުކަން ހުރި ގައުމެކެވެ. މިއީ އެމެރިކާއަށްވެސް ކުރަން ދަތިކަމެކެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާ މޫސާދުގެ ވެރިޔާ ޑޭވިޑް ބާނިއާ ވަނީ ރަޝިއާއިން އީރާނަށް ދޭ ޓެކްނޮލޮޖީގެ މުހިއްމުކަމާއި ހައްސާސްކަމާ ގުޅިގެން ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި ރަޝިއާއިން އީރާނަށް ދޭ ހައްސާސް އަސްކަރީ ޓެކްނޮލޮޖީ އަކީ އިސްރާއީލު ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް އޮތް ވަރަށް ބޮޑަށް ނުރައްކާ ވެގެންދާކަމެކެވެ. އެމެރިކާގެ މަސްއޫލުވެރިންވެސްވަނީ ރަޝިއާއާއި އީރާނާ ދެމެދު ބަދަހިވަމުންދާ އަސްކަރީ ސިނާއަތާއި ޓެކްނޮލޮޖީގެ ސަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެމެރިކާއާއި އިސްރާއީލަކީ މެދުއިރުމަތީގައި އިސްރާއީލަށް ގޮންޖަހައި ތިލަފަތް ހަމަކޮށްލެވޭ ވަރުގެ ބާރެއް އުފެދުމާ ދެކޮޅަށް މަސައްކަތްކުރާ ދެގައުމެވެ. އެއީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ފައިހަރުކޮށްލައިގެން އޮވެވޭނީ އިސްރާއީލަކީ މެދުއިރުމަތީގައި އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި ބާއްވައިގެންނެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޓެކްނޮލޮޖީގެ ޕްރޮގްރާމުތައް ހުއްޓުވަން އެމެރިކާއާއި އިސްރާއީލާއި ޔޫރަޕުންވެސް މަސައްކަތްކޮށް އީރާނަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީވެސް މިކަމުގެ ސަބަބުންނެވެ.

އިސްރާއީލަށްވުރެ މެދުއިރުމަތީގެ އެހެން ގައުމެއް ބާރުގަދަވެއްޖެނަމަ ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށް އެތަނަށް ވެރިވެގަނެގެން އިސްރާއީލަށް ތާއަބަދު ނޯވެވޭނެކަން އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް އެނގެއެވެ.

އީރާނަކީ ފަލަސްތީނުގެ ބިމުން އިސްރާއީލު ފައްސާލަންޖެހޭނެކަމަށް ވަކާލާތުކުރާ އަދި ފަލަސްތީނުގެ ޖަމާއަތްތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އީރާންގައި މިހާރު އެންމެ ބާރަށް ކުރިޔަށްދާ އަސްކަރީ ޕްރޮގްރާމަކީ ރަޝިއާގެ އެހީގައި ފައިޓަރު ޖެޓް އުފެއްދުމުގެ ޕްރޮގްރާމު ކަމަށާ ކުރިޔަށް އޮތް ތިންވަރަކަށް އަހަރު ތެރޭގައި އީރާނުން އެގައުމުގެ އަމިއްލަ މަރުކާއެއްގެ ޒަމާނީ ފައިޓާ ޖެޓް އުފައްދާނެކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކުގައި ލަފާކޮށްފައިވެއެވެ.

ރަޝިއާއިން ގަތުމަށް އީރާން އޯޑަރު ކޮށްފައިވާ އެސް 35 މަރުކާގެ ފައިޓާޖެޓްގެ ބައެއް ޖެޓްތައް މިއަހަރުގެ ފަހުކޮޅު އީރާނަށް ލިބޭނެކަން އެގައުމުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް